ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ލިބޭނެ ސިޔާސަތެއް ސަރުކާރުން ކަނޑައަޅަފިއެވެ.

މި ސިޔާސަތު ކަނޑައެޅުއްވުމަށް ނިންމަވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވީ، މި ސިޔާސަތު ކަނޑައެޅުއްވުމާއިއެކު ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އޮފީސްތަކާއި ވުޒާރާތަކުން އެކަން ކުރިއަށްގެންދާނެކަމަށެވެ. ފަސޭހައިން ވަޒީފާ ހޯދައިދިނުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން އޮފީސްތަކާއި އިމާރާތްތަކަށް ވަދެ ނިކުމެވޭނެގޮތް ފަހިކޮށްދިނުމަށް ޕްލޭނިން އަދި ކޮންސްޓްރަކްޝަން ޤަވާއިދަށްވެސް ބަދަލުގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށް ޝަހީބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި، ވެރިކަމުގެ ފުރަތަމަ 9 ހަފުތާތެރޭ "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސިޔާސަތެއް އެކުލަވާލުމަށް" ވަނީ ހިމަނުއްވާފައެވެ. މި ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އެކުލަވާލެވޭ މި އުޞޫލުގައި ދިވެހި ސިވިލް ސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި އެކަމާއިގުޅޭ އިންތިޒާމުތައް ހަމަޖައްސަވައި ބަޔާންކުރައްވާފައިވެއެވެ.

މި އުޞޫލުގައި ހިމެނިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހަދައި، ވަޒީފާގެ މާހައުލުގައި ދިމާވެދާނެ ގޮންޖެހުންތައް ނައްތާލުމާއި، ޑިސްއެބިލިޓީ ސެންސިޓައިޒިންގ ތަމްރީން ކުރިއަށްގެންދިއުން ފަދަ ކަންކަން ހިމަނާފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 2023 ނޮވެމްބަރު މަހުގެ ނިޔަލަށް 12,011 ފަރާތެއް ދަފުތަރުކުރެވިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން