ޅ. ނައިފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމުމަށްފަހު އެ ނިޒާމް އޮޕަރޭޓްކުރަން ހަވާލުކުރީ ބޮޑެތި މައްސަލަތައް ޙައްލުނުކޮށް ކަމުގައި ފެނަކައިން ބުނެފިއެވެ.

ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ނައިފަރުގައި ފެނުގެ ޚިދުމަތް މެދުކެނޑެން ދިމާވީ ފެން ޕްލާންޓުން އުފެއްދޭ ފެނުގެ މިންވަރަށް ވުރެ ފެން ބޭނުންކުރާ ނިސްބަތް އިތުރުވުމުން ކަމަށެވެ. އެހެންކަމުން، އެމައްސަލަ ޙައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ފެނަކައިން ބުނެފައި ވެއެވެ. ނައިފަރުގައި ފެނުގެ ނިޒާމު ގާއިމް ކުރަން ފެށީ 2017 ވަނަ އަހަރުއެވެ. އެހެން ނަމަވެސް، ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން 2019 ވަނަ އަހަރު އެ މަޝްރޫއު މެދުކެނޑުނެވެ.

އެއަށްފަހު، 2020 ވަނަ އަހަރު އަލުން ފަށައި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ އަހަރުގައެވެ.

"މި ޕްރޮޖެކްޓް ޑިޒައިން ކުރެވި އިމްޕްލިމެންޓް ކުރުމާއި ދޭތެރޭ ގިނަ އަހަރުތަކެއް ވުމުގެ ސަބަބުން މީހުން ދިރިއުޅޭ ގޭބިސީތަކުގެ އަދަދު އިތުރުވެ، ޑިޒައިން ޑިމާންޑަށް ވުރެ ފެނުގެ ޑިމާންޑް ވަނީ އިތުރުވެފައި،" ފެނަކަ އިން ބުންޏެވެ.

ފެނުގެ ނިޒާމް ގާއިމުކުރުމަށްފަހު މިއަހަރު ފެނަކައާއި އެ މަސައްކަތް ހަވާލުކުރީ ބޮޑެތި މައްސަލަތަކާއި އެކީގައި ކަމަށް ފެނަކައިން ފާހަގަކުރިއެވެ. ނެޓްވޯކް ލީކުވުމާއި ފެންޕްލާންޓުގެ ޓެކްނިކަލް އެކި މައްސަލަތަކާއި ފެނުގެ ކޮލިޓީއާ ގުޅޭ މައްސަލަތަކެއް ހުރިކަމަށް ފެނަކައިން ބުންޏެވެ. ޚިދުމަތް ދޭން ފެށިއިރު އެ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ގެނެވިފައި ނެތްކަމަށާއި، ފެން އުފައްދާ ނިސްބަތަށްވުރެ ފެން ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ބައެއް ވަގުތުތަކުގައި މުޅި ރަށުން ފެނުގެ ޚިދުމަތް މެދުކަނޑައިލަންޖެހޭ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

އެހެންކަމުން ނައިފަރަށް ދާއިމީކޮށް ފެނުގެ ހިދުމަތްތައް ދިނުމަށް ބަލަން ޖެހޭ ބެލުންތައް ބަލައި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން