ހުރަވީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ހިންގާ ހަރާކާތްތަކުގެ ތެރޭގައި ހިމެނޭ ހުރަވީ ދުވަހުގެ ޚާއްޞަ މަޢުރަޒު "ދޮންބަންޑާރައިންގެ ހަނދާނީ މަޢުރަޒު" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

މި މަޢުރަޒަކީ ހުރަވީ ދުވަހުގެ މުނާސަބަތާއި ގުޅިގެން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާއި ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒު ގުޅިގެން މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ ޙާއްޞަ މަޢުރަޒެކެވެ. މި މަޢުރަޒުގައި ބަހައްޓާފައިވާ ތަކެތީގެ ތެރޭގައި ދޮންބަންޑާރައިންނަށް ނިސްބަތްވާ ބައެއް އާސާރުތަކާއި، އިހުގައި ބޭނުންކޮށްފައިވާ ބައެއް ހަތިޔާރުތައް ހިމެނެއެވެ. ދޮންބަންޑާރައިންނަށް ނިސްބަތްވާ ބައެއް އާސާރުތަކުގެ ތެރޭގައި ތުރުކުރެއްވި ފަގުޑިކޮޅާއި، ބޭނުންކުރެއްވި ލޮންސިކޮޅާއި، ދޮންބަންޑާރައިންގެ ރަސްކަމުގައި ޖެއްސެވި ފައިސާފޮތިކޮޅުތައް ހިމެނެއެވެ. މީގެ އިތުރުން މަލާބާރީން މާލެއަރައި ހިންގި ކަންކަމާ ބެހޭ ޚުލާސާ މަޢުލޫމާތުތައް ހިމެނޭ ލޯ ފަތްކޮޅެއްވެސް މި މައިރަޒުގައި ވެއެވެ.

މި މަޢުރަޒު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެ މަޢުރަޒު ބައްލަވާލައްވައި މަޢުރަޒުގައި ހިމެނޭ އާސާރުތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އަދި ދާރުލްއާސާރުގެ އިތުރު ކަލެކްޝަންތައް ހިމެނޭ ތަންތަނަށްވެސް ޒިޔާރަތްކުރައްވައި އެ ކަލެކްޝަންތަކާބެހޭގޮތުން ވެސް އެކަމަނާ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ހުރަވީ ދުވަހުގެ މުނާސަބަތު ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން އަންނަނީ ދުވަހާގުޅޭ ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެގޮތުން މިއަދު ބޭއްވި މި މަޢުރަޒުގެ އިތުރުން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އިން އިންތިޒާމްކޮށްގެން މިދިޔަ ހުކުރު ދުވަހު ކުޑަކުދިންގެ ހަވީރެއްވެސް ބޭއްވެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން