މަޖިލީހުގެ ގަވައިދުގެ ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރުމާބެހޭ ބައެއް މާއްދާތައް އިސްލާހު ކުރިޔަސް އެކަމާ މެދު ކަންބޮޑުވުމެެއް ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރުމާބެހޭ، މަޖިލީހުގެ ގަވައިދުގެ ބައެއް މާއްދާތައް އިސްލާހު ކުރިޔަސް އެކަމާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ޑިމޮކްރަސީގެ އުސޫލުން ކަންކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސަށް އެބަ އޮތް ކަމަށް ޝަހީބް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮންމެހެން އެއީކީ ވަކި ބަޔަކަށް ޖެއްސުން ކުރުމުގެ ގޮތުން ނުވަތަ ވަކި ބަޔަކަށް އުނދަގޫ ކުރުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ނުދެކެން. އެބޭފުޅުން ވެސް ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ ދަށުން އެކަންތައް ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަނީ." ޝަހީބް ވިދާޅުވިއެވެ.

ޝަހީބު މިހެން ވިދާޅުވެފައިވާއިރު ހުރަވީ ދުވަހުގެ މުނާސަބާތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވަނީ މަޖިލީހުން ގެނައި އިސްލާހު ތަކަށް ރައްދުވާގޮތަށް ނުސީދާކޮށް އަލިއަޅުއްވާލައްވައި ވާހަަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން މަސައްކަތް ކުރުމަކީ ގައުމަށް ޣައްދާރުވުން ކަމަށެވެ. ރައީސް ވިދާޅުވީ ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ހާއްސަކޮށް ތިމާމެންގެ އާރާބާރު ދައްކާލަން ބޭނުންވުމުން ރައްޔިތުންނަށާއި ރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން ކަމަށެވެ.

"ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ބައެއް މާއްދާތަކަށް އިސްލާހު ގެނައުމަށް ނިންމައި މާދަމާގެ ޖަލްސާއަށް ވަނީ ތާވަލްކޮށްފައެވެ. މި އިސްލާހުތައް ފާސްވެއްޖެނަމަ އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސާއި ނާއިބް ރައީސް މަގާމުން ވަކިކުރެވޭނެއެވެ.

މާދަމާގެ ޖަލްސާގައި ކެބިނެޓުގެ ވަޒީރުންނަށް ރުހުން ދިނުމާއި މެދު ގޮތެއް ނިއްމަށް ވެސް ވަނީ އެޖެންޑާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން