ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޒުލުކުރުމުގެ މައްސަލަ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާއު ވިދާޅުވީ މި ސަރުކާރުން ޤާނޫނު އަސާސީއާއި ޚިލާފު ނިންމުންތައް ނިންމަމުންދާ ކަމަށެވެ. އެހެން ކަމުން، ރައީސް އަޒުލުކުރުމަށް މަޖިލީހުން މަސައްކަތްކުރެއްވުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ބިދޭސީންގެ ރެކޯޑްތައް ހިމެނޭ މައުލޫމާތު ނައްތާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފާޅު ކުރަމުންދާ ހިޔާލުތަކާއެކު ޔަގީންވެ ކަށަވަރުވާ ކަމަކީ މިއަދު މަޖިލީހުން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ރައީސް އަޒުލުކުރުމުގެ މަސައްކަތްކަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ޕީޖީއަށް އެ މައްސަލަ ހުށަހަޅާނަން،" ޝިފާއު ވިދާޅުވިއެވެ.

އެހެން ނަމަވެސް، މީގެ ކުރީގައި ޝިފާއު ރައީސް އަޒުލުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް އެމްޑީޕީއިން ނުކުރާ ކަމަށް ވިދާޅުވެފައެވެ.

ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާތަކަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފަވެއެވެ. މި އިސްލާހު ފާސްވެއްޖެނަމަ، މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީ މެންބަރުންނަށް ރައީސްއާއި ނައިބު ރައީސް މަޤާމުން ދުރުކުރުމުގެ ބާރު ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން