އެމްޑީޕީއަށް ވެރިކަން ނުލިބުނީމާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޒުލު ކުރަން މަސައްކަތްކުރުމަކީ ހުތުރު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ގާސިމް މިގޮތަށް ވިދާޅުވީ މިއަދުގެ މަޖިލީސް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިއަދުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވަނީ ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް (ސެމްބެ) އަޒުލު ކުރެއްވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"މިއަދު އެމްޑީޕީގައި މެޖޯރިޓީ އޮތީމާ ތި ބޭފުޅުން މަޖިލީހުގެ ގަވާއިދަށް، އެގޮތަށް އެކަން ކުރައްވައިފިނަމަ ވަރަށް ހަޑިހުތުރު ކަމެއް. އެމްޑީޕީއަށް ވެރިކަން ނުލިބުނީމާ ރައީސުލްޖުމްހޫރިއްޔާކަމަށް އައި ބޭފުޅަކު ނައިބާ އެއްކޮށް މަގާމުން އަޒުލުކުރަން އެކަން ކުރަން ވިސްނުމެއް އޮތްކަމަށް ޕަބްލިކްގެ ތެރޭގައި ވާހަކަދެކެވުމުގެ ޖާގަ އެބަ ލިބޭ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ރައީސް އަޒުލު ކުރަން ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާތަކަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މިމައްސަލައިގައި ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެން ރަނގަޅަށް ސަރުކާރު އެކުލަވައިނުލެވި އުޅެނިކޮށް ރައީސް އަޒުލުކޮށް މަގާމުން ދުރުކުރުމުގެ ވާހަކަދެއްކުމަކީ "ހަޑިހުތުރު" ކަމެއް ކަމަށެވެ. އެއާއެކު، ވަޒީރުންނަށް ރުހުން ނުދީ ތިބުމަކީވެސް ގޯސް ޚިޔާލެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ވަޒީރުންނަށް ރުހުންދޭން ވުޒާރާތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އެނގެން ނުޖެހޭނެ ކަމަށާއި އެ ބޭފުޅުން މަޤާމާއި ހަވާލުވެވަޑައިގެން އެއްވެސް ގޯހެއް ހެދޭނަަމަ މަޖިލީހުން އެބޭފުޅުންނާއި ސުވާލުކޮށް ޒިންމާދާރުކުރުވަން މަސައްކަތް ކުރެވިދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެގޮތުން، އިސްލާހު ނުވާ ވަޒީރުންނާއި ދޭތެރޭ ނޯ ކޮންފިޑެންސް ވޯޓެއް ނަގައިގެން މަޤާމުން ވަކި ކުރުމުގެ އިޚްތިޔާރު މަޖިލީހަށް ލިބިގެންވާ ކަމަށް ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން