ބިދޭސީންގެ ރިޕޯޓުތައް ޑިލީޓްކުރި މައްސަލަ ތަހުގީގު ކުރަން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު އަންގަވައިފިއެވެ.

ސަޢީދު ވަނީ އިކޮނޮމިކް މިނިސްޓްރީގެ އެކްސްޕެޓް ސިސްޓަމްގައި ހުރި ބިދޭސީންގެ ރިޕޯޓް ޑިލީޓްވީ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ވިދާޅުވެފައެވެ. މި ރިޕޯޓް ޑިލީޓް ކޮށްފައިވާ ކަމަށް މީސް މީޑިއާގައި ވާހަކަތައް ފެތުރިފައިވަނީ އިއްޔެގައި ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރަރސް ކެޓަގަރީގެ މަސައްކަތްތެރިން އަލުން ގެންނަން ސަރުކާރުން ނިންމިކަން އިޢުލާން ކުރި ފަހުންނެވެ.

އިކްނޮމިކް މިނިސްޓްރީގެ ރަސްމީ އެއްވެސް ޓްވީޓެއް މިނިސްޓަރ ސަޢީދު އަންގަވައިގެން ޑިލީޓްކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަންކުރި ސަބަބު ތަޙްޤީޤްކުރަން މިހާރުވާނީ އަންގަވާފައި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.



މިކަމާއި ގުޅޭގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ސަރުކާރުން ޤާނޫނު އަސާސީއާއި ޚިލާފަށް ކަންތައް ކުރައްވާ ކަމަށް ތުހުމަތުކުރައްވާފައެވެ. ފައްޔާޒް ވިދާޅުވީ ރާއްޖެއަށް ބަންގްލަދޭޝްއިން ގެނެވޭނެ މަސައްކަތްތެރިންގެ ކޯޓާ އަދަދު ހަމަވެފައިވާ ކަމަށެވެ. މިހާރުވެސް ވޯކް ވިސާގައި އެގައުމުގެ 144،607 މީހަކު ރާއްޖެ އެތެރެވެ އޭގެ ތެރެއިން 63،000 މީހުން އުޅެނީ ގާނޫނާއި ގަވާއިދާ ހިލާފަށްކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ ރިޕޯޓުން ފެންނަން ހުރީ އެކްޓިވް ވާކް ޕާމިޓްގެ އަދަދުތައް އެކަނި ކަމަށާއި މިވަގުތު ރާއްޖޭގައި ތިބި މަސައްކަތްތެރިންގެ އަސްލު އަދަދު އެ ރިޕޯޓުން އެނގެން ނެތް ކަމަށެވެ. ރާއްޖޭގައި މިވަގުތު ތިބީ ބަންގްލަދޭޝްގެ 90،620 މަސައްކަތް ތެރިން ކަމަށް އިހުސާން ވިދާޅުވެފައި ވެއެވެ.

އެމްޕްލޮއިމަންޓް އެކްޓްގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އެއް ޤައުމަކުން އެންމެ ގިނައިން ގެނެވޭނެ އަދަދަކީ 100،000 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން