ސްޓެލްކޯގެ މިއަދުގެ މެނޭޖްމަންޓަކީ ތާރީހުގައިވެސް ސްޓެލްކޯއަށް ލިބޭނެ އެންމެ އޯގާތެރި އަދި އެންމެ ހިންގުންތެރި މެނޭޖްމަންޓްކަމަށާއި، ސިޔާސި ފިކުރަށް ބަލައިގެން އެއްވެސް މުވައްޒަފަކަށް ފިޔަވަޅު ނާޅުއްވާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހްމީ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފަހްމީ ވިދާޅުވީ ސްޓެލްކޯގެ މިއަދުގެ މެނޭޖްމަންޓަކީ މުވައްޒަފުންނަށް ހިތްވަރުދީގެން، މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރާނެ މެނޭޖްމަންޓެއްކަމަށެވެ. އަދި މިއަށްވުރެ ހިތްހަމަޖެހިގެން މުވައްޒަފުން ތިބޭނެ މެނޭޖްމަންޓެއް ސްޓެލްކޯގެ ތާރީހުގައިވެސް ނާންނާނެކަމަށް ފަހްމީ ވިދާޅުވިއެވެ.

ފަހްމީ ވިދާޅުވީ ސްޓެލްކޯގެ މެނޭޖްމަންޓުން މުވައްޒަފުން މިނެކިރާނީ އެއް ތިލަފަތަކުންކަމަށާއި އެއްވެސް މުވައްޒަފަކާއިމެދު ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމަށެވެ. އަދި މުވައްޒަފުންގެ ކުރިއެރުމާއި ތަރައްގީއަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މެނޭޖްމަންޓުން ކުރައްވާނެކަމުގެ ޔަގީންކަންވެސް ފަހްމީ ދެއްވިއެވެ.

"ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ އައި ފަހުން ވަޒީފާ ގެއްލިދާނެކަމުގެ ބިރެއް ނެތި މުވައްޒަފުން އުޅޭނެ ވެރިކަމެއް މިހާތަނަށް އައިސްފައެއް ނެތް. ކޮންމެ ޕާޓީއެއްގައި އުޅުނަސް މައްސަލައެއް ނެތް. ވަޒީފާއިން ކަނޑާލާކަށް ބޭނުމެއް ނޫނޭ" ފަހްމީ ވިދާޅުވިއެވެ.

ފަހްމީ ވަނީ ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުންވެސް އެހެން މީހުންނަށް އިހްތިރާމްކުރުމުގެ ރީތި ސިފަ ދެމެހެއްޓުމަށްވެސް އެދިވަޑައިގެންފައެވެ. އަދި ސްޓެލްކޯގެ ހިދުމަތް ކުރިއަރުވައި، ރައްޔިތުންެގެ އިތުބާރު ހޯދުމުގައިވެސް އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ މުވައްޒަފުންނަށްކަމަށާއި އެހެންކަމުން ރައްޔިތުންގެ އިތުބާރު ގެއްލޭނެ ފަދަ ކަންކަމުން ދުރުހެލިވާންޖެހޭކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން