މާލެ ސިޓީ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ގުޅުވައިގެން ސަންގު ޓީވީއިން ބާއްވާ ބަހުސްގައި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރކަން ކުރެއްވި އާޒިމް ވިދާޅުވީ ސަންގު ޓިވީއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖައްސާފައިވާ ބަހުސްގައި އޭނާ ބައިވެރިވެ ވަޑައިނުގަންނަވާނެކަން އެޗެނަލަށް މީގެ ދެ ދުވަސްކުރިން އަންގާފައި ވާނެ ކަމަށެވެ.

"ސަބަބަކީ ސަންގުޓީވީ ބަހުސް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް މިނިވަން މޮޑާރޭޓަރެއް ބަހައްޓައިދިނުމަށް އަޅުގަނޑު އެދިފައިވުމާއެކުވެސް އެކަމަށް އެއްވެސް އިޖާބައެއް ނުލިބުމާއި، އިންތިޚާބު އޮންނަދުވަސް މިހާ ކުޑަތަންވެފައިވަނިކޮށް ހަތަރު ދުވަހަށް ދިގުދެމިގެންދާ ބަހުސެއްގައި ބައިވެރިވުމަކީ ކެންޕޭނުގައި ދެންކުރަން ހުންނަކަންތައްތަކަށް އަސަރުކުރާކަނެ ކަމަކަށްވާތީއެވެ." އާޒިމް ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ޕީއެސްއެމުން 6 ޖެނުއަރީ 2024 ގައި ބޭއްވުމަށް އިންތިޒާމްކުރާ ބަހުސަށް ފޮނުވި ދައުވަތު ޤަބޫލުކުރަށްވާފައިވާ ކަމަށެވެ.

މާލެ ސިޓީ މޭޔަރު އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނަކީ ޕީއެންސީގެ ފަރާތުން އައިޝަތު ޢާޒިމާ ޝަކޫރު، އެމްޑީޕީގެ ފަރާތުން އާދަމް ޢާޒިމް، ދަ ޑިމޮކްރެޓްސްގެ ސައިފް ފާތިހު، އަދި އަމިއްލަގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުންކަމަށްވާ ޙުސައިން ވަހީދާއި ޝުޢައިބު ޢަލީއެވެ.

މާލެ ސިޓީއަށް މޭޔަރަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.

މާލޭ މޭޔަރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން