މަގާމުތަކަށް އަންނަ ބޭފުޅުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ މިރޭ ބޭއްވި މާލެ ސިޓީގެ މޭޔަރުގެ މަގާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ މާލޭގެ މަގުތަކުގައި ކޮންމެ ދުވަހަކުވެސް ނުރައްކާތެރި އެތައް އެކްސިޑެންޓްތަކެއް ހިނގަމުންދާކަމަށާއި، އަދި އެތައް ބަޔަކަށް އެކަމުގެ ސަބަބުން ހިތްދަތި ކަންކަމާއި ކުރިމަތިލާން ޖެހޭކަމަށެވެ. އެހެންކަމުން މަގުމަތީގައި ބޭނުންކުރާ މީހުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފައިސަލް ފާހަގަކުރެއްވިއެެވެ.

ފައިސަލް ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުގައި މަގުމައްޗަކީ ރައްކާތެރިތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރިއިރު އެކަމުގައި އާޒިމްގެ ހިއްސާވެސް ބޮޑުކަމަށެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުންގެ ދުޅަހެޔޮކަމާއި އާއްމު ސިއްހަތަކީ އިސްކަން ދޭންޖެހޭ ކަމެއް ކަމަށް ބަލައިގެން ކުރީ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. އެގޮތުން ޖާގަ ތަނަވަސް ސާފު ވެއްޓެއް ގާއިމްކުރަން ގިނަ މަސައްކަތްތަކެއް ކުރިކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ގޯތިގެދޮރުގެ ބިޔަ މަޝްރޫއޫތައް އެމްޑިޕީގެ ސަރުކާރުން ކުރިއަށް ގެންދިޔަކަމަށާއި، އެއީވެސް ހަމަޖެހިލައިގެން އުޅެވޭނެ ވެއްޓެއް ގާއިމްކުރުމަށްކުރި މަސައްކަތެއްކަމަށެވެ.

ފައިސަލް ވިދާޅުވީ މޭޔަރުކަމަށް ވަޑައިގަންނަވާ ބޭފުޅުން ކިބައިން އެދެން އޮތީ މާލޭގެ ސާފު ތާހިރުކަމާއި ޕާކިންގ މައްސަލައާއި އެކްސިޑެންޓްތައް ގިނަވުމުގެ މައްސަލަ ހައްލުކޮށްދިނުމަށްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން