ހުޅުމާލޭން ބޯހިޔާވަހިކަން ދޭނެކަމަށް ބުނެ ގިނަ ބަޔަކު ޙާލުގައި ޖެއްސި ސީލައިފް ގްލޯބަލްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ (އަންމަޓީ) ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފިއެވެ.

އައްމަޓީ ފުރުން މަނާކުރުމުގެ އަމުރެއް ހައިކޯޓުން ނެރުނީ އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޕާސްޕޯޓް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނިންމުމުން، އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.

ހިޔާނާތުގެ ކުށުގައި ދައުލަތުން 42 ދައުވާއެއް އުފުލާފައިވާ، އައްމަޓީގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިފައިވާ ގޮތަށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާން ބޭނުންވާތީ އޭނާ ފުރުން މަނާކުރުމަށް ކޯޓުން ކޮށްފައިވާ އަމުރު މިވަގުތަށް ބާތިލު ކޮށް، އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނިންމީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

ކުރިމިނަލް ކޯޓުގެ ނިންމުން ޕީޖީން ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅިއިރު އަންމަޓީގެ ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށްވެސް އެދިފައިވެއެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު ހައިކޯޓުން ވަނީ ޕީޖީން އެދުނު ގޮތަށް އައްމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެފައެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައިވަނީ އަދުލު އިންސާފު ގާއިމް ކުރުމަށްޓަކައި އެ ކޯޓުން އެ މައްސަލަ ނިމެންދެން ނުވަތަ ވަކި ގޮތެއް އަންގަންދެން އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާކުރަން އިމިގްރޭޝަންގެ މައްޗަށް އަންގާ ކަމަށެވެ.

13 މާރިޗު 2014 ވަނަ ދުވަހު، ހައުސިންގ ޑިވެލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް ތުޙުމަތުކުރެވުނު މައްސަލައިގައި، ވ. ތިނަދޫ، ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން