މާލޭގައި ބިން ބޭނުންކުރެވިފައިވާ ގޮތާ ބެހޭގޮތުން އެއްވެސް އެސެސްމެންޓެއް މިހާތަނަށް ހެދިފައި ނެތްކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭ ސިޓީގެ މޭޔަރުގެ އިންތިހާބުގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓް އާޒިމާ ޝުކޫރު މިހެން ވިދާޅުވެފައިވަނީ މާލޭ ސިޓީގެ މޭޔަރު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ސަންގު ޓީވީން ރޭ ގެނެސްދިން ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ތާއީދާއެކު އިންތިހާބުގައި ވާދަކުރައްވާ އާޒިމާ ވިދާޅުވީ ބިންތަކުގެ ވާހަކަ ދައްކާއިރު ގަބޫލު ކުރަންޖެހޭ އެންމެ ބޮޑު ހަގީގަތަކީ ފުރަމާލޭގައި އޮތް ތޮއްޖެހުމުގެ މައްސަލަ ކަމަށެވެ. އަދި އެ ތޮއްޖެހުން ކުޑަ ކުރާނެ ވާހަކަ އަކީ ދައްކަން ޖެހޭ ވާހަކައެއް ކަމަށްވެސް އާޒިމާ ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ މިހާތަނަށް މާލޭގެ ބިން ބޭނުންކުރެވިފައިވާ ގޮތާ ބެހޭގޮތުން އެއްވެސް އެސެސްމެންޓެއް ހެދިފައި ނުވާކަމަށާއި، މި އެސެސްމަންޓަކީ ހަދަން ޖެހޭނެ އެއްޗެއްކަމަށެވެ. އަދި މި އެސެސްމަންޓް ހެދުމަށްފަހު މާލޭގެ ބިން އެންމެ ރަނގަޅަށް ބޭނުންކުރެވޭނެގޮތަށް މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަން ޖެހޭކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާގެ ވާހަކައިގައި މި ސަރުކާރުން ބޯހިޔާވަހިކަމަށް ޖުމްލަ ހައްލެއް ގެނައުމަށް ގެންގުޅޭ ތަސައްވުރުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން "ރަސް މާލެ" އަކީ އޭގެ މުހިންމު މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން