ގޭބަންދުގައި ހުންނަވައިގެން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ގޭބަންދަށް ލުއިތަކެއް ދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންނެވުމުން، އެލުއިތައް ދެވެން ނެތްކަމަށް ކަރެކްޝަނުން އަންގައިފިއެވެ.

"ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޔާމީން އެދިވަޑައިގެންނެވި ކަންތައްތައް ޕްރިޒަންސް އެންޑް ޕެރޯލްސް އެކްޓްއާއި ފުށުއަރާތީ، އެމަނިކުފާނު އެދިވަޑައިގަތް ލުއިފަސޭހަތައް ދެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް، އެމަނިކުފާނު އެދިވަޑައިގަތީ ކޮން ކަންކަމަކަށްކަން ކަރެކްޝަންސް އިން ހާމަކޮށްފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ރިޔާސީ އިންތިޚާބުގެ ދެވަނު ބުރުގެ ނަތީޖާއަށްފަހު 1 އޮކްޓޫބަރުގައި އެމަނިކުފާނު ގޭ ބަންދަށް ވަނީ ބަދަލުކޮށްފައެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް މިހާރު އޮތީ ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާގައެވެ. ނަމަވެސް އެ މައްސަލައިގައި ގޮތް ނުނިންމައި ހައި ކޯޓް ވަނީ ރިސެސްއަށް ގޮސްފައެވެ.

ކުރީގެ ރައީސް ޔާމީންގެ 11 އަހަރުގެ ޖަލުޙުކުމުގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިމިފައެވެ. އެ މައްސަލާގައި ދެން އޮންނާނީ ޙުކުމް ކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލީހެވެ.

ހައިކޯޓުގެ ޤަވާޢިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު މަސައްކަތު ދުވަހުން ފެށިގެން، ވިދިގެން އަންނަ އަހަރު ޖެނުއަރީމަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ހައިކޯޓު އޮންނާނީ ރިސެސްގައެވެ. ކޯޓުތަކުގެ ގާނޫނުގެ ހަތްވަނަ މާއްދާގައިވާ ގޮތުން ޑިސެމްބަރުމަހު ސްޕްރީމް ކޯޓުވެސް އޮންނާނީ ރިސެސްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން