ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ރާއްޖެއަށް ގެއްލުނު ސަރަހައްދު ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މަސައްކަތް ފަށައިފި ކަމުގައި ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައާއި ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ދިރާސާކުރުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުންދާ ކަމަށާއި މި މައްސަލައާއި ގުޅުންހުރި މަސައްކަތަށް މިހާރު ޚާއްސަ ގާނޫނީ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އިޓްލޮސް އިން މޮރީޝަސްއާއި އެއްކޮޅަށް ބުރަވެފައިވާ ނިންމުން ބަދަލުކުރުމަށް އެކުލަވާވި ޚާއްސަ ޤާނޫނީ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ކުރީގެ ބަންޑާރަ ނައިބު މުޙައްމަދު އަނިލްއެވެ. އަނިލް މި މަސައްކަތް ކުރައްވާނީ އެއްވެސް އުޖޫރައެއް ނެންގެވުމަކާއި ނުލައެވެ. އަނިލްއާއި އެއްކޮށް ކޮމިޓީގައި މަސައްކަތްކުރައްވާނީ ޑިފެންސް މިނިސްޓްރީން ކާނަލް އަހްމަދު މުޖުތަބާ އަދި ފޮރިން މިނިސްޓްރީން ސެކްރެޓަރީ މަލްޓިލެޓެރަލް، އަހްމަދު ޝިޔާންއެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު ނުވަތަ އައްޑޫގެ ދެކުނުން އޮންނަ ފުށު އަރާ ކަނޑުގެ ސަރަހައްދުގެ އިން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަކިކުރުމުން ރާޢްޖެއަށް ގެއްލުނު ބައި ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގެ ތެރޭގައި ހިމެނޭ އެއް ވައުދެވެ.

"ނިމިދިޔަ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ފުށުއަރާ ގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ގެންގުޅުއްވާފައިވާ ގާނޫނީ ޕޮޒިޝަން އާއި އަމަލު ކުރައްވާފައިވާ ގޮތާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި، ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ބަންޑާރަ ނައިބު ވަނީ ނިންމާފައި." ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ކުރީގެ ސަރުކާރުން ބުނަމުންދިޔައީ ޗާގޯސްއާއި ރާއްޖޭގެ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލަ ނިމިގެން ދިޔައީ ރާއްޖެއަށް ފައިދާވާ ގޮތަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން