މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ސިޓީ ރައީސް އޮފީހުން ޢާންމުކޮށްފިއެވެ.

ރާއްޖެއާއި ޗާގޯސްއާ ދެމެދުން ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން، ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) އިން މިދިޔަ އޭޕްރިލްގައި ނިންމީ، ޞާލިޙް ފޮނުއްވި ސިޓީފުޅުގެ ސަބަބުން ކަމަށް އޭރުގެ އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ. އެ ސިޓީއަކީ ރައީސް ޞާލިޙް މިދިޔަ އަހަރުގެ 22 އޮގަސްޓްގައި ފޮނުއްވި ސިޓީ އެކެވެ. އޭރުގައި ސަރުކާރުން ވަނީ އެ ސިޓީ ޢާންމުކުރުމަށް އިންކާރު ކޮށްފައެވެ.

އެހެން ނަމަވެސް، އެ ސިޓީގައި ކަނޑުން ބައެއް ދޫކޮށްލާ ވާހަކައެެއް ވިދާޅުވެފައި ނުވެއެވެ. އޭގެ ބަދަލުގައި އެސިޓީއަކީ މިދިޔަ އަހަރުގެ ޖޫން މަހު ރުވާންޑާގައި ބޭއްވި ކޮމަންވެލްތުގެ ގައުމުތަކުގެ ވެރިންގެ ސަމިޓުގެ ހަވާސާގައި އޭރުގެ ރައީސް ސޯލިހާއި މޮރިޝަސްގެ ބޮޑުވަޒީރާ ދެމެދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާއަކާއި ހަވާލާދީ ލިޔުއްވި ސިޓީއެއްކަމަށް ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ. އެ ސިޓީގައި ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުގައި ރާއްޖެއިން ވޯޓު ދޭނީ މޮރިޝަސްއާ އެއްކޮޅަށް ކަމަށް ބަޔާންކުރައްވާފައެވެ. އަދި މީގެ ކުރީގައި ރާއްޖެއިން ދަމަހައްޓަމުން ގެންދިޔަ ސްޓޭންޑް ބަދަލުކޮށް އެގޮތަށް ނިންމުން ނިންމެވީ ރާއްޖެއަކީ އިސްތިއުމާރު ކުރުމާއި ދެކޮޅު ގައުމަކަށް ވުމުން ކަމަށްވެސް ބަޔާންކުރައްވާފައި ވެއެވެ.

ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނެ ލިޔެކިއުމެއްގެ ރިކޯޑެއް ރައީސް އޮފީހުން ބެލި ބެލުމަކުން ނުފެންނަ ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.

ކުރީގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ އެސިޓީ ސިއްރު ކުރީ ސިޓީގައި ސަރަހައްދީ ކަނޑުގެ ވާހަކަ އޮތުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން