ރާއްޖޭގެ ކުރިއެރުމަށް ކުވައިތުން މުހިންމު ދައުރެއް އަދާކޮށްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ކުވޭތުގެ އަމީރުކަމުގެ މަޤާމަށް، ހިޒް ހައިނަސް ޝެއިޚު މިޝްޢަލް އަލް-އަޙްމަދު އަލް-ޖާބިރު އަލް-ޞަބާޙް އިސްވެވަޑައިގަތުމާއި ގުޅިގެން، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި ކުވޭތާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ދެމެހެއްޓެނިވި ގުޅުން ބިނާވެފައިވަނީ، ދެ ޤައުމުންވެސް އެއްޤައުމު އަނެއް ޤައުމަށްކުރާ އިތުބާރާއި، އިޙުތިރާމާއި، އަދި ދެޤައުމުގައިވެސް އޮންނަ އިސްލާމީ ރިވެތި އަޚްލާޤުގެ ސަބަބުން އުފެދެމުންދާ ސަޤާފީ، ތާރީޚީ ގުޅުމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

“ރާއްޖޭގެ އިޖްތިމާޢީ-އިޤްތިޞާދީ މަޤްޞަދުތައް ކުރިއެރުވުމުގައި ކުވޭތުން މުހިންމު ދައުރެއް އަދާކޮށްފައިވޭ.” ކުވައިތުގެ އަމީރަށް ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވެފައިވެއެވެ.

ހަމަ އެއާއެކު ކުވޭތުގެ ފަރާތުން ރާޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއިން ބަލައިގަންނަކަމަށާއި، އެކަމުގެ އަގުވަޒަންކުރާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކުވައިތުގެ އައު އަމީރުގެ ޒައާމަތުގައި، ކުވޭތު, ތަރައްޤީގެ އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ.

“މި ފެށިގެންދާ އައު ދައުރުގައި ކުވޭތާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތް.” ރައީސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، އެމަނިކުފާނު ވަނީ ކުވޭތުގެ އަމީރު އައްޝެއިޚު ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައިކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން