ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން އުފެއްދި ޓާސްކްފޯހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބައެއް ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަންސް މުހައްމަދު ޝަމްހާން ވަހީދު ވިދާޅުވެއްޖެއެވެ.

ޝަމްހާން މިކަން ހާމަކުރެއްވީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ސަރުކާރުގެ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ކޮންޓްރޯލާ ވަނީ ވޯކް ޕާމިޓް ފީއާއި ވޯކް ވިސާ ދައްކާފައިވާ ބައެއް ބިދޭސީންނަށް ކަނޑައެޅުނު މަސައްކަތުގެ ސައިޓް ނޫން އެހެން މަސައްކަތުގެ ތަންތަނުގައި ނުވަތަ ދާއިރާއެއްގައި އެމީހުން މަސައްކަތްކުރާކަން ފާހަގަކުރައްވާއެވެ.

"ދީފައި އޮންނަ ހުއްދައިގަ އޮންނަ ވޯކް ސައިޓުގެ ބޭރުން، އެހެން ތަންތަނުގައި މަސައްކަތް ކުރާނަމަ ގަވާއިދާ ހިލާފު އެވަނީ، އެހިސާބުން މަޖުބޫރު ވޭ އިމިގްރޭޝަންގެ ދަށަށް އެމީހުން ގެންނަން. ޤަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ޗެކް ކުރެވި، ބޭރުން ތިބި މީހުން އިމިގްރޭޝަނަށް ގެނެވި، އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ފުރުވާލާފައި." ޝަމްހާން ވިދާޅުވިއެވެ.

މިހާރުވެސް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 53 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިހުސާން މި މަހުގެ 18 ވަނަ ދުވަހުގައި ހާމަކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން