އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުން ދޫކޮށްލަން ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށްފިއެވެ.

އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު, މާފިނި ގޭ ލަމްހާ ބަންދުން ދޫކޮށްލަން ދަށު ކޯޓުން އަމުރު ނެރުނީ ނޮވެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ. އޭނާ ބަންދުން ދޫކޮށްލީ 3 މަސް ދުވަހަށް، ޝަރުތުތަކަކާއެކުއެވެ.

ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ވަނީ މިދިޔަމަހުގެ 27 ވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ.

ޕީޖީން އިސްތިއުނާފްކުރި މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ލަމްހާ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށެވެ. އެގޮތުން ލަމްހާ ބަންދުން ދޫކޮށްލަން ދަށު ކޯޓުން އަމުރު ނެރުނުއިރު އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކާ އޮތް ކަމަށް ބެލުނު ސަބަބު ނެތިގޮސްފައިވޭތޯ ބަލައި ވަޒަންކުރެވިފައިވާކަން އެނގެން ނެތް ކަމަށްވެސް ހައިކޯޓުގެ ހުކުމްގައިވެއެވެ.

އެހެންކަމުން ދަށު ކޯޓުން ނެރުނު އަމުރަކީ ގާނޫނުއަސާސީއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާއި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު ކޯޓުތަކުން ތަބާވާންވާނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލާ ޚިލާފު އަމުރެއް ކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.

ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި 24 އަހަރުގެ ލަމްހާ ހައްޔަރުކުރީ 2021 ވަަނަ އަަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ.

ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް އެ މަހުގެ 27 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެެވެ. މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށްބުނާ ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

ލަމްހާގެ މައްޗަށް ދައުވާ ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީއާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން