އަންނަ އަހަރުގެ މަޖިލީސް އިންތިޚާބުގައިވެސް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވާދަކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އެކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާއާއިއެކު ބޭއްވެވި ބައްދަލުވުމަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އަންނަ އަހަރުވެސް ގާސިމް ވާދަކުރައްވާނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ މާމިގިލީ ދާއިރާއަށެވެ.

ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޑު ޕާޓީ، ޖޭޕީގެ ލީޑަރ ގާސިމް ވަނީ މަޖިލީހުގައި މެދުނުކެނޑި 3 ދައުރެއްގައި މާމިގިލީ ދާއިރާ ތަމްސީލް ކުރައްވާފައެވެ. އެ ޕާޓީ އުވާލުމާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވަމުން ގާސިމް ވިދާޅުވީ ޖޭޕީ އުވާލުމާއި ބެހޭގޮތުން މަޝްވަރާކުރެވުނު ނަމަވެސް، ޕާޓީގެ ކައުންސިލް މެންބަރުންގެ އަޣުލަބިއްޔަތުން އެކަމާއި ދެކޮޅަށް ގޮތް ނިންމާފައިވާ ކަމަށެވެ.

މިދިޔަ ފެބްރުއަރީގެ ނިޔަލަށް ޖޭޕީގައި 22،000 އަށް ވުރެ ގިނަ މެމްބަރުން ރަޖިސްޓްރީކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ގާސިމް އެންމެ ފުރަތަމަ ފެނިގެންދިޔައީ 1990 ގައެވެ. 28 މެއި 2009 އިން ފެށިގެން މެދުނުކެނޑި 14 އަހަރަށް ވުރެ ގިނަ ދުވަހު މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ ޝަރަފް ހާސިލުކުރައްވާފައިވާ ގާސިމް ވަނީ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލާ ފާސްކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްކަން ވެސް ގާސިމު ވަނީ ކުރައްވާފައެވެ.

މީގެއިތުރުން ރާއްޖެއަށް ޒަމާނީ ޑިމޮކްރެސީ ގެނައުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އެއްބޭފުޅަކީ ވެސް ގާސިމް އިބްރާހީމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން