ތިޔާގިކަމާއި މުއްސަނދިކަމަކީ ވޯޓުން ހޮވޭ މީހުންގެ އެކަނި ހައްގެއްތޯއޭ ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ސުވާލު ކުރައްވައިފި އެވެ.

ރައީސް މިމޭރުމުން ސުވާލުކުރެއްވީ ދައުލަތުގެ އިސްވެރިންނާއި ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަތައް އަލުން ރިވިއުކޮށް، އެ މުސާރަތައް ބޮޑު ކުރަން މަޖިލީހުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ކައުންސިލްތަކުގެ ކަންގަތި އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުސާރަ ބޮޑުކުރަން ނިންމި ނިންމުމަށް ރައްދުވާ ގޮތަށް ގިނަ ސުވާލު ތަކެއް ކުރައްވާފައެވެ. އެގޮތުން ރައީސަށް އެއްވެސް ކަމެއް ހާސިލުނުވެ ކޮންމެ ފަސް އަހަރަކުން ދިވެހީން ވޯޓުލާން މި ޖެހެނީ ކީއްވެތޯ ސުވާލު ކުރައްވާފައިވެއެވެ. އަދި ދިވެހި އާންމު ރައްޔިތު މިހާއަށް މި ގައުމުގައި އޮތް ހަމައެކަނި ހައްގަކީ ވޯޓުލުގެ ހައްގުތޯ ރައީސް ސުވާލު ކުރެއްވިއެވެ. މީގެއިތުރުންވެސް ތިޔާގިކަމާއި މުއްސަނދިކަމަކީ އެ ވޯޓުން ހޮވޭ މީހުންގެ މިލްކެއްތޯވެސް އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ވިދާޅުވީ އެގޮތް އެމަނިކުފާނަށް ގަބޫލު ނުކުރެވޭ ކަމަށާއި އެގޮތް ގަބޫލު ވެސް ނުކުރައްވާނެ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު މީގެ ކުރިން ވަނީ މުސާރަ ބޮޑު ކުރަން ނިންމި ނިންމުމަށް ތާއިދު ނުކުރައްވާ ކަން ހާމަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. އަދި މުސާރަ ބޮޑުކުރަން ސަރުކާރުން އެދިފައިނުވާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން، ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރައްވަން އެ ބޭފުޅުން ނިންމަވާފައިވާ ކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާއަށް މުސާރައިގެ ގޮތުގައި މިހާރު ލިބިވަޑައިގަންނަވަނީ އެއްލައްކަ ރުފިޔާ އެެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރަ 120،000ރ. އަށް ބޮޑު ކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަސާސީ މުސާރަ 93،000ރ. އަށް ބޮޑު ކުރުމަށް ފާސްކޮށްފައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 74،000ރ. އަށް ބޮޑުކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. މުސާރައާއި އެލަވަންސްތަކުގެ ގޮތުގައި ވަޒީރުންނަށް މަހަކު މިހާރު ލިބިވަޑައިގަންނަވަނީ 66،000ރ. އެވެ.

މީގެއިތުރުން މަޖިލިސް މެމްބަރުންގެ މުސާރަވެސް އެއްލައްކަ ރުފިޔާއަށް ބޮޑުކުރަން އެބޭފުޅުން އަމިއްލައަށް ވަނީ ބޮޑު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން