ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމަށް މިހާރު ދީފައިވާ ލުއިތައް ދިން ގޮތަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި އިތުރު ލުއިތައް ދިނުމުގައި ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމުގައި ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމް ތަމްސީލުކުރައްވާ ވަކީލު އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ގޭބަންދުގައި ހުންނަވައިގެން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ގޭބަންދަށް ލުއިތަކެއް ދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންނެވުމުން، އެލުއިތައް ދެވެން ނެތްކަމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ އަންގާފައެވެ. ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޔާމީން އެދިވަޑައިގެންނެވި ކަންތައްތައް ޕްރިޒަންސް އެންޑް ޕެރޯލްސް އެކްޓްއާއި ފުށުއަރާތީ، އެމަނިކުފާނު އެދިވަޑައިގަތް ލުއިފަސޭހަތައް ދެވެން ނެތް ކަމަށެވެ.

މިކަމާއި ގުޅުވައި ޝަމީމް ވަނީ ޔާމީންގެ ފަރާތްޕުޅުން ކަރެކްޝަންސް ސަރވިސްގައި ޤާނޫނީ ޓީމުން އެދުނު ލުއިފަސޭހަތައް ހާމަކުރައްވާފައެވެ. އެގޮތުން، އެމަނިކުފާނުގެ ފަރާތްޕުޅުން ދެ ލުއިފަސޭހައަކަށް އެދިވަޑައިގެންފައިވެއެވެ. ޝަމީމް ވިދާޅުވީ ރައީސް ޔާމީނާއިއެކު ވެފައިވާ އިޤުރާރުގައި މަނާކޮށްފައިވަނީ ޓީވީ ސްޓޭޝަންތަކަށް ވަޑައިގެން ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގަތުން އެކަނި ކަމަށެވެ.

ނަމަވެސް ފަހުން ހުއްދައަށް އެދުނީ ޔާމީންގެ ގެއަށް ނުވަތަ އޮފީހުގައި ހުންނަވައިގެން ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ނުވަތަ ބަސްދީގަތުމެއް ދެއްވުމަށް ކަމަށް ޝަމީމް ހާމަކުރެއްވިއެވެ.

އެމަނިކުފާނާއި ބައްދަލުކުރައްވަން އެދޭ މީހުންނާއި އަމިއްލަ ގެއިން ބައްދަލުކުރުމަކީ އެންމެ ފަސޭހަ ގޮތް ކަމަށް ނުވާތީ ބައްދަލުކުރަން އެދޭ މީހުންނާއި އެމަނިކުފާނު ނިސްބަތްވާ ޕާޓީ އޮފީހުގައި ބައްދަލުކުރެއްވުމުގެ ހުއްދައަށް ދެވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން އެދިފައިވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ރިޔާސީ އިންތިޚާބުގެ ދެވަނު ބުރުގެ ނަތީޖާއަށްފަހު 1 އޮކްޓޫބަރުގައި އެމަނިކުފާނު ގޭ ބަންދަށް ވަނީ ބަދަލުކޮށްފައެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް މިހާރު އޮތީ ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާގައެވެ. ނަމަވެސް އެ މައްސަލައިގައި ގޮތް ނުނިންމައި ހައި ކޯޓް ވަނީ ރިސެސްއަށް ގޮސްފައެވެ.

ކުރީގެ ރައީސް ޔާމީންގެ 11 އަހަރުގެ ޖަލުޙުކުމުގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިމިފައެވެ. އެ މައްސަލާގައި ދެން އޮންނާނީ ޙުކުމް ކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލީހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން