ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތުރުކީއަށް އެންމެފަހުން ކުރެއްވި ދަތުރުފުޅުގައި ރާއްޖެއަށް ހޯއްދަވައިދެއްވި ސްކޮލަރޝިޕްގެ ފުރުސަތުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތުރުކީއޭއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ތުރުކީއޭގެ "ޕްރެސިޑެންޓް ފޮރ ޓަރކްސް އަބްރޯޑް އެންޑް ރިލޭޓްޑް ކޮމިއުނިޓީސް އޮފް ދަ ރިޕަބްލިކް އޮފް ތުރުކިއޭ" މރ. އަބްދުﷲ އެރެން އާއެކު ބޭއްވެވި ބައްދަލުމުމަށްފަހު ދިވެހިރާއްޖެއަށް ތުރިކީއޭއިން ދެމުންދާ ސްކޮލަރޝިޕްތަކުގެ އަދަދު ވަނީ 30 ޖާގައަށް އިތުރުކޮށްދެއްވާފައި ކަމަށެވެ. އެހެންކަމުން މި ސްކޮލަރޝިޕްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަަށް މިނިސްޓްރީން ބުނެއެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ޓްރޭނިންގ ނީޑްސް ލިސްޓަގައިވާ އެކިއެކި ދާއިރާތަކުން 15 ބެޗްލަރސް ޑިގްރީ، 10 މާސްޓަރ ޑިގްރީ އަދި 5 ޑޮކްޓޯރަލް ޑިގްރީ އަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ސްކޮލަރޝިޕްގައި ކިޔެވުމުގެ ހުރިހާ ޚަރަދެއް (ޓިއުޝަން ފީ، މެޑިކަލް އިންޝުރެންސް، ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް) ހަމަޖައްސާނީ ކޯސް އިންތިޒާމް ކުރާ ފަރާތުންނެވެ. އަދި ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ވެސް ކޯސް އިންތިޒާމް ކުރާ ފަރާތުންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިގޮތުން ލިބޭ ޚަރަދުތަކާއި އެހެނިހެން މައުލޫމާތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ އިޢުލާންނާއި، ވެބްސައިޓާއި، ޓަރކިޔޭ ވެބްސައިޓުގައި ވަނީ ހިމަނާފައެވެ.

މި ސްކޮލަޝިޕްއަށް ޝައުޤުވެރިވާ ފަރާތަކުން 7 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ 13:30 އާ ހަމައަށް "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، އެޕްލިކޭޝަންތައް ވަޒަންކޮށް، ނަތީޖާ އާންމުކޮށް އިޢުލާން ކުރާނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ވެބްސައިޓުގައިކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން