ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ ޕްރޮޖެކްޓްކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ހިންގުމަށް އެއްވެސް އާރބަންކޯއިން އެއްވެސް ފައިސާއެއް ހަރަދު ނުކުރައްވާނެކަމަށާއި، ފައިސާގެ ބަދަލުގައި ހިއްކާ ކުންފުންޏަށް ދޭނީ ބިންކަމަށް އަރބަންކޯއިން ބުނެފިއެވެ.

އަރބަންކޯއިން މިކަން ހާމަކޮށްފައި މިވަނީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދާއިރު އެކަމާއި ގުޅޭ މާބޮޑު ތަފްސީލެއް ހާމަ ނުކުރާކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަރބަންކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއަށް ސަރުކާރުން ނުވަތަ އަރބަންކޯއިން އެއްވެސް ފައިސާއެއް ހަރަދެއް ނުކުރާނެކަމަށެވެ.

ފަޒުލް ވިދާޅުވީ މި މަޝްރޫއުއަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ ބިން ހިއްކާ ކުންފުންޏަށް ފައިސާގެ ބަދަލުގައި ބިން ދީގެންކަމަށެވެ. އަދި މިއީ މީގެކުރިންވެސް އާރބަންކޯއިން އަމަލުކޮށްފައިވާ ގޮތެއްކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

"ބިން ހިއްކައިގެން ލިބޭ ބިން ވިއްކައިގެން މީގެ އަގު އަދާކުރާނީ. 10 ހެކްޓަރު ދޫކޮށްލުމުން 1000 ހެކްޓަރު މި ލިބެނީ އަރބަންކޯއަށް. މިއީ މީގެ އަގަކީ" ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ މި މަޝްރޫއުއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދެއް ނުކުރާނެކަމަށާއި، ޕްރޮޖެކްޓްގެ ފުރިހަމަ ޒިންމާ ނަގާނީ އަރބަންކޯއިންކަމަށެވެ.

ފަޒުލް ވިދާޅުވީ ރަސް މާލެއިން ހިއްކާ ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރު އަދި ރަސްމާލެއިން 60 ހެކްޓަރު ބިން ދިނުމުން 1093 ބިން އަރބަންކޯއަށް ލިބޭނެކަމަށެވެ.

ފަޒުލް ވިދާޅުވީ މިމަޝްރޫއުގެ ސަބަބުން ކުރިއަށް އޮތްތާނގައި އަރބަންކޯގެ މާލީ ހާލަތު ރަނގަޅުވެ، ކުންފުނީގެ އިތުބާރުވެސް މާލީ އިދާރާތަކުގައި ބޮޑުވެގެންދާނެކަމަށެވެ.

ރަސްމާލެ ޕްރޮޖެކްޓާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރެއްވިނަމަވެސް ފަޒުލް ވިދާޅުވީ ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް ކަމެއް ހިނގާފައި ނޯންނާނެކަމަށެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ސަރުކާރުން ފެށީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ސަރުކާރުން ބުނާގޮތުން މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން