ކޮންމެ ދުވަހަކު ގަދަ ކަނޑެއް ހުރަސްކޮށް އަމިއްލަ ގޯއްޗަށް ދާން ރައްޔިތުން ބޭނުންނުވާނެކަމަށާއި، މާލެ ރައްޔިތުންނަށް ދޭ ގޯއްޗަށް ބްރިޖަކުން ދެވެންޖެހޭނެކަމަށް އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ އޭނާގެ މެނިފެސްޓޯ ލޯންޗުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އާޒިމްގެ ސިޔާސަތުތަކުގެ ތެރެއިން ގޯތި ގެދޮރުގެ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ އެމްޑީޕީއަކީ މާލޭގެ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރާ ޕާޓީއެއްކަމަށާއި، މިދިޔަ 5 އަހަރު ތެރޭގައި އެމްޑީޕީން އެކަން ޔަގީންކޮށްދިން ކަމަށެވެ. އެގޮތުން 40 އަހަރަށްފަހު މާލެ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ދިނީވެސް އެމްޑީޕީގެ ސަރުކާރުންކަން އާޒިމް ފާހަގަކުރެއްވިއެެވެ. ނަމަވެސް މިހާރު އޮތް ސަރުކާރުގައި މާބޮޑު ޕްލޭންތަކެއް ނެތްކަން އާޒިމް ފާހަގަކުރެއްވިއެެވެ.

"މާލޭގެ ރައްޔިތުންނަށް ގޯތި ނުދީ އޮތުމަށްފަހު 40 އަހަރަށްފަހު ގޯތި ދިނުމުގެ ހިތްވަރު ހުރެގެން އެކަން ކުރި ރައީސް ސާލިހު.ގެދޮރުވެރިކުރުމުގެ ސިޔާސަތުގެ އެއްބައި ވަނީ އެމްޑީޕީން ނިންމާފައި.. އޭގެ ދަށުން ގޯތީގެ ރަޖިސްޓްރީވެސް ވަނީ ހަވާލުކޮށްފައި. ދެން ތިއްބެވި ބޭފުޅުންގެ އެޕްލިކޭޝަން ވަނީ ލިބިފައި. ނަމަވެސް (މިއަދުގެ ސަރުކާރުން) ދެން ތިއްބެވި ބޭފުޅުން އުޅެނީ އަދިވެސް ހަދާނެ ގޮތެއް ނޭނގިގެން" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކުރިއަށް އޮތް ބައި އިލެކްޝަންގައި އެމްޑީޕީގެ މޭޔަރެއް އިންތިހާބުވެއްޖެނަމަ މިދިޔަ ސަރުކާރުގައި ގޯތިތައް ދިން ތަންތަނުން ގޯތިތައް ހޯދައިދޭނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

"އެމްޑީޕީގެ ސަރުކާރުން ގޯތިދޭން ފަށާފައި އޮތީ. އެމްޑީޕީގެ މޭޔަރަކަށް ފުރުސަތު ލިބިއްޖިއްޔާ އެކަން ކަށަވަރުކުރާނަން" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކާކަށް މާލޭގެ ރައްޔިތުން ބޭނުން ނުވާކަމަށާއި އެއީ ވަރަށް ބޮޑު އިސްރާފެއްކަމަށެވެ. އަދި މާލެ ސަރަހައްދުން މާލެ ރައްޔިތުންނަށް ދޭ ގޯތިތަކަށް ކަނޑު ހުރަސްކޮށް ދާން ބޭނުންވާ އެއްވެސް ރައްޔިތެއް ނުހުންނާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.



"މާލެ ސަރަހައްދުން ދޭ ގޯތިތަކަށް ބްރިޖް ހުރަސްކޮށް ދެވެންޖެހޭނެއޭ.. ކަނޑު ހުރަސްކޮށް، ގަދަ.ކަނޑު ހުރަސްކޮށް ގަޑި ދެ ގަޑިއިރަކުން ނޫން ގެއަށް ދެވެންޖެހޭނީ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ސަރުކާރަށް ގޮވާލާކަމަށެވެ.

"މިއީ ނިކަމެތި ކަމެއް ރައްޔިތުންނަށް ދޭ. ހިތެއް ހުރި މީހެއްނަމަ އެ މަޝްރޫއުތައް ހުއްޓުވާފައި ބޭކާރު ތަނެއް ހިއްކާކަށް ނޫޅޭނެ. މިއީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުން" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރަސްމާލެ ހިއްކަން ހިނގާ ހަރަދަކީ ބޮޑު އިސްރާފެއްކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ގޯތިތައް ދީފައިވާ ސަރަހައްދުތައް ތަރައްގީކޮށް، ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި ފެނާއި އެހެނިހެން ހިދުމަތްތައް އެ ފައިސާއިން ގާއިމްކުރަން އާޒިމް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން