މިސަރުކާރުގެ އަނިޔާވެރިކަން ހުއްޓުވިފައި އޮތީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނެތުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެެވެ.

ފައްޔާޒު މިހެން ވިދާޅުވީ ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓަކަށް ނުވަދެވޭ ގޮތަށް ބްލޮކު ކުރުމާއި ގުޅިގެންނެވެެ. ރަޖިސްޓްރީ ނުކޮށް ހިންގާ އެ ދެ ނޫހަކީ ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑުކިޔުމުގެ އިތުރުން ބައެއް މީހުންގެ އަބުރަށް ހުތުރުވާ ފަދަ ލިޔުންތަކާއި ފޮޓޯ ޝާއިއު ކުރާ ދެ ނޫހެކެެވެ.

އެކަމަށް އިޝާރަތް ކުރައްވައި ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ސަރުކާރަށް ފާޑުކިޔައި ހަބަރާއި ލިޔުންތައް ގެނެސްދެމުންދިޔަ ދެ ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދައި ބްލޮކު ކުރުމަކީ އަނދިރި، އަދި ނުރައްކާތެރި މަންޒަރެއް ކަމަށެވެ. ސަރުކާރަށް ފާޑުކިޔާ ހަބަރު ސައިޓުތައް ބްލޮކް ކުރުމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.



"ސަރުކާރުގެ އަނިޔާވެރިކަން ނުފެތުރި ކިރިޔާވެސް ހުއްޓުވިފައި މިއޮތީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނެތުމުން ކަން މިހާރު ސާފުވެއްޖެ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ އިތުރުން ވެސް އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ވެސް ސަރުކާރަށް ފާޑުކިޔާ ދެ ނޫސް ބްލޮކް ކުރުމާއި ގުޅިގެން އެކަމާ މެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން އަމާޒުވަމުންދާ ފާޑު ކިއުމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބް ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް މަޖައްލާއެއް ސަރުކާރުން ބްލޮކެއް ނުކުރާނެކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުމަށް މި ސަރުކާރުން ކަށަވަރުކުރާނެ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ވެސް ވަނީ އެސަރުކާރަށް ފާޑު ކިޔަމުން ދިޔަ "ދެންމެ" ކިޔާ ނޫހެއް ބްލޮކް ކޮށްފައެވެ. އެނޫހުގެ މައްސަލަ މީޑިއާ ކައުންސިލުން ވެސް ބެލިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން