ރަޖިސްޓްރީ ނުކޮށް ހިންގާ ވެބްސައިޓްތަކެއް ބްލޮކް ކުރި މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް މޯލްޑިވްސް އިން ސަރުކާރަށް ފާޑުކިޔައިފިއެވެ.

ސަރުކާރުން ބަންދުކުރި ދިޔަވަރު ނިއުސްއާއި ކުރުސީ. ކޮމްއަކީ ހޯމް މިނިސްޓްރީގައި ރަޖިސްޓަރ ނުކޮށް ބަޔަކު ފިލައިގެންތިބެ ހިންގާ ޚަބަރުފަތުރާ ދެ ވެބްސައިޓެކެވެ. އެހެން ނަމަވެސް، ފުރަތަމަ. ކޮމްއަކީ ރަޖިސްޓްރީކޮށްގެން ހިންގާ އޮންލައިން ނޫހެކެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ޝަހީބް ވިދާޅުވީ ރަޖިސްޓްރީ ނުކުރާ ހުރިހާ މީޑިއާތައް ބްލޮކް ކުރާނެ ކަމަށެވެ. ބްލޮކް ކުރި ރަޖިސްޓްރީ ނުކުރާ ދެ ނޫހަކީ ޢާންމުކޮށް ސަރުކާރަށް ފާޑުކިޔާ އަދި މުޖުތަމަޢުގެ އަދަބު އަޚުލާގުގެ މިންގަނޑުތަކާ ޚިލާފު ފޮޓޯ ޝާއިޢުކޮށް ހަދާ ދެ ނޫހެކެވެ.

ސަރުކާރުން މިފަދަ ފިޔަވަޅެއް އެޅީ އެކަން ކުރަން އޮންނަ އުސޫލު ހާމަނުކޮށް ކަމަށް އެމްޖޭއޭއިން ފާހަގަކުރެއެވެ. ދެފުށް ނުފެންނަ މި އަމަލު ހުއްޓާލުމަށް އެމްޖޭއޭއިން ސަރުކާރަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ޑިމޮކްރަސީއާއި ޚިލާފު މި އަމަލަކީ ނޫސްވެރިންގެ އިތުރަށް ރައްޔިތުންނަށްވެސް ދިން "ނުރައްކަލުގެ ރަނގަބީލެއްގެ" ގޮތުގައި އެޖަމިއްޔާއިން ވަނީ ސިފަކޮށްފައެވެ. އަދި ނޫސްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަކީ މޯލްޑިވްސް މީިޑިއާ ކައުންސިލް (އެމްއެމްސީ)އިން ކުރަންޖެހޭ ކަމެއް ކަމަށް މި ބަޔާނުގައިވެއެވެ.

އެގޮތުން، ރަޖިސްޓްރީނުކޮށް ހިންގާ ނޫސްތަކަކީވެސް އެމްއެމްސީއަށް ރެގިއުލޭޓްކޮށް މީޑިއާ ކައުންސިލްގެ ޤާނޫނުން މީޑިއާގެ ގޮތުގައި ބަލައިގެންފައިވާ ނޫސްތަކެއް ކަމަށްވުމުން އެތަންތަނަށް ފިޔަވަޅު އެޅުމަކީ އެމްއެމްސީގެ މައްޗަށް ޤާނޫނުން ލާޒިމްކުުރާ ކަމެއް ކަން އެމްޖޭއޭއިން ފާހަގަކޮށްފައި ވެއެވެ.

އެމްޖޭއޭއާއި އެޑިޓާސް ގިލްޑް މޯލްޑިވްސްއިން ބުނީ ދޮގު މަޢުލޫމާތު ފެތުރުމާއި މިސްއިންފޮމޭޝަނާއި އެޖަމިއްޔާތަކުން ދެކޮޅު ކަމަށެވެ. ނަމަވެސް ވެބްސައިޓްތައް ބްލޮކް ކުރުމަކީ އެކަމަށް އޮތް ހައްލެއް ނޫން ކަމަށް އެޖަމިއްޔާތަކުން ބުނެފައި ވެއެވެ.

"މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެންދާނެ ފަދަ ބިރުވެރި ނިންމުމެއްގެ ގޮތުގައި މި ޖަމިއްޔާއިން ދެކެމެވެ. މި ޖަމިއްޔާ އިން ސަރުކާރަށް ގޮވާލަނީ ގާނޫނުން އެމްއެމްސީ އަށް ހަވާލުކޮށްފައިވާ ޒިންމާ އެންމެ ރަނގަޅު ގޮތުގައި އަދާކުރުމަށް މީޑިއާ ކައުންސިލް ބާރުވެރިކުރުވައި, އެހީތެރިކަން ފޯރުކޮށްދިނުމަށެވެ." އެމްޖޭއޭގެ ބަޔާނުގައި ވެއެވެ.

ގިލްޑުން ނެރުނު ބަޔާނުގައި ވަނީ ދުލާއި ގަލަމުން ޚިޔާލު ފާޅުކުރުމުގެ މިިނިވަންކަން ގާނޫނު އަސާސީން ފަހިކޮށްދީފައިވާކަން ފާހަގަކޮށްފައެވެ. އެހެންކަމުން، މީޑިއާ ކައުންސިލްގެ ދައުރެއްނެތި އެ ތިން ވެބްސައިޓް ބަންދުކުރި ސަބަބު ހާމަނުކުރާހާހިނދަކު އެ ވެބްސައިޓްތައް އަލުން އޮޕަރޭޓްކުރުމަށް ފުރުސަތު ދޭން އީޖީއީއިން ގޮވާލާފައި ވެއެވެ.

އީޖީ މޯލްޑިވްސްއިން ބުނީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގައި މީޑިއާތައް ރަޖިސްޓްރީނުކޮށްވެސް ހިންގަމުން އަންނައިރު އެކަން ރަސްމީ ސިފައެއްގައި މަނާކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން، ތެދު ޚަބަރު ފެތުރުމަށް ދައުލަތަށް ރައްޔިތުންނާއި ނޫސްތަކަށް ބާރު އެޅޭނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ތައްމިނަށް ދޫކޮށްގެން ކަމަށް އެޖަމިއްޔާއިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން