ފެންނަމުންދަނީ ފާޑުކިޔުންތަކަށް ޖަވާބުދިނުމުގެ ބަދަލުގައި ގަދަބާރުން އޮބަހައްޓާތަންކަމަށް އެމްޑީޕީން ބުނެފިއެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީން މިހެން ބުނެފައި މިވަނީ ރާއްޖޭގެ އޮންލައިން ވެބްސައިޓްތަކެއް ބްލޮކް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ދަނޑިވަޅެއްގައެވެ.

އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދިވެހިބަހުން ލިޔެ ޝާއިއު ކުރާ ބައެއް ވެބްސައިޓުތަކާއި ނޫސްތައް މި ސަރުކާރުން ބުލޮކު ކުރުން އެމްޑީޕީން ހަރު އަޑުން ކުށްވެރިކުރާކަމަށެވެ. އަދި މިނިވަންކަމާއެކު ފިކުރުކުރުމާއި، ޚިޔާލު ފާޅު ކުރުމަކީ ޤާނޫނުއަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއްކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ ސިޔާސީ މިނިވަން މާހައުލެއްގައި ބަސް ބުނުމުގެ މިނިވަންކަން ހޯދުމަކީ އެމްޑީޕީއިން އަބަދުމެ ވަކާލާތުކުރާ މަގެއްކަމަށާއި އެއީ ދިވެހި އެތަކެއް ރައްޔިތުންނާއި މި ޕާޓީ ގުރުބާންވެގެން ހޯދި ހައްގުތަކެއްކަމަށެވެ.

އެމްޑީޕީން ބުނީ އެމްޑީޕީގެ ކުރީގެ ދެ ވެރިކަމުގައިވެސް ރައްޔިތުންގެ އަސާސީ ހައްގުތައް ވަކީން ހާއްސަކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް ކަށަވަރުކޮށްދެވުނުކަމަށެވެ.

"ސަރުކާރާއި ދެކޮޅަށް ރޭވިގެން, އިންތިޒާމުވެވިގެން ދޮގު ހަބަރު ފަތުރަމުންދިޔަ އިރުވެސް އެފަދަ މީޑިއާތަކަށް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާނެ. މީޑިއާތަކަށް ބިރު ދައްކައި ފިޔަވަޅު އެޅުމަކީ ހުދުމުހުތާރު ދައުލަތެއްގެ ސިފައެއް." ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނާން ޖެހޭނެކަމަށެވެ. ނަމަވެސް ޕީޕީއެމް ކުރީގެ ވެރިކަން ފަދައިން، މި ސަރުކާރުގެ އަމަލުތައްވެސް މި ފެންނަނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން މަސައްކަތް ކުރާތަންކަމަށް ބަޔާނުގައިވެއެވެ

"ފާޑުކިޔުންތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ގަދަބާރުން އޮބަހައްޓާތަން." ބަޔާނުގައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނި ކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން