ސިވިލް ސަރވިސްގެ މުވައްޒަފުން ދެ އިންތިހާބެއްގައި ދެގޮތަކަށް ޢަމަލު ކުރަންޖެހުމުން، ބައެއް ފަހަރު މުވައްޒަފުންނަށް އޮޅުންއަރާ ގޮތް ދިމާވެދާނެކަމަށާއި އެއީ މަޖިލީހުން ރިޔާއަތްކުރަން މުހިއްމުކަމެއްކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް ވިދާޅުވީ ‏ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ، ޢާންމު އިންތިހާބެއްގައި ވާދަކުރުމަށް ގަސްދުކުރާ، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން، އެ އިންތިހާބެއް ބާއްވާ ތާރީޚުގެ މީލާދީ 6 މަސްދުވަސް ކުރިން، އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިއުފާ ދޭންޖެހޭކަމަށެވެ. އަދި މަގާމުން އިސްތިޢުފާ ނުދީހުރެ، އިންތިހާބަކަށް ކުރިމަތިލައިފިނަމަ، އެ މުވައްޒަފަކު ހުރި ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކުރެވޭނެކަމަށް ގާނޫނުގައި ބުނާކަމަށް ހަބީބް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވަން މިހާރު 6 ދުވަހަށްވުރެ މުއްދަތު ކުރުވެއްޖެ." އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ސިވިލް ސަރވިސްގެ މުވައްޒަފަކު އިންތިހާބުގައި ވާދަކޮށް ނުހޮވުނަސް ވަޒީފާ އަލުން ނުލިބޭކަމަށެވެ. ނަމަވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް އަލުން އަނބުރާ ކުރިންހުރި ވަޒީފާއަށް އައުމުގެ ފުރުސަތު އޮންނަކަމަށެވެ.

ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީގައި، ސިވިލް ސަރވިސްގެ މުވައްޒަފަކަށް ބައިވެރިވެވޭނީވެސް ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވެގެންކަަމަށެވެ.

"ސިވިލް ސަރވިސްގެ ވަޒީފާ އެއްގައި އުޅުން ނުވަތަ ނޫޅުން، އާންމު އިންތިހާބުތަކުގައި ބައިވެރިވުމުގެ ޝަރުތަކަށް އިލެކްޝަންސް ކޮމިޝަނުން ނުބަލާނެ. އެހެންނަމަވެސް، ސިވިލް ސަރވިސްގެ މުވައްޒަފުން ސިވިލް ސަރވިސްގެ ގާނޫނަށް އަމަލު ކުރޭތޯ ނުވަތަ ނޫންތޯ ސިވިލް ސަރވިސް ކޮމިޝަނުން ބައްލަވާނެ." ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ސިވިލް ސަރވިސްގެ މުވައްޒަފުން ދެ އިންތިހާބެއްގައި ދެގޮތަކަށް ޢަމަލު ކުރަންޖެހުމުން، ބައެއް ފަހަރު މުވައްޒަފުންނަށް އޮޅޭގޮތް ވެދާނެކަމަށެވެ. އަދި މިއީ، ގާނޫނު ހަދާ މަޖިލީހުން ވިސްނާވަޑައިގަންނަވަން ރަނގަޅު ނުކުތާއެއްކަމަށްވެސް ހަބީބް ވިދާޅުވިއެވެ. މީގެއިތުރުން ގާނޫނު އަސާސީން ލިބިދޭ އަސާސީ ޙައްޤުތައް ލިބިދިނުމުގައި ހުރި ތަފާތުތަކާމެދު، ދައުލަތުގެ ބަންޑާރަ ނައިބާއި، ގާނޫނުހަދާ މަޖިލީހުން މާބޮޑަށް ވެސް ވިސްނާވަޑައިގަންނަވާނެކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ހަބީބް މިފަދައިން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް މަޖީލީހުގެ އިންތިހާބަށް ޕްރައިމަރީތައް ބާއްވަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި އޭގެކުރިން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބައެއް ގޮނޑިތަކުގެ ބައި އިލެކްޝަންވެސް ޕާޓީތަކުން ދަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން