ސިޓީސް، ލޯކަލް ގަވަމެންޓް އަދި ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފަށް ރުހުންދޭން ޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، ޑިފެންސް މިނިސްޓަރަކަށް އާދަމް ޝަރީފް ހުންނެވިއިރު މަޖިލީހުގެ ތާރީހުގައި އެތަނަށް އަލަށް ސިފައިން ވައްދައި، މެމްބަރުންނަށް އަނިޔާކުރި ކަމަށެވެ. އަދި، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) މެދުވެރިކޮށް މި ފަހަރު ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފައްޔާޒު ތުހުމަތުކުރެއްވިއެވެ.

"ލާމަރުކަޒީ ނިޒާމް ވެސް ފުށިދިއްގަރަށް. ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ." ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.

އާދަމް ޝަރީފަށް ރުހުން ނުދިނުމަށް ފައްޔާޒު ގޮވާލައްވާފައިވާއިރު ލޯކަލް ގަވަނަންސް މިނިސްޓްރީގެ ދަށުގައިވާ މޯލްޑިވްސް ކޮމިއުނިކޭޝަންސް އޮތޯރިޓީ (ކޭމް) މެދުވެރިކޮށް، ރަޖިސްޓްރީނުކޮށް ހިންގަމުން އައި ދެ ނޫސް ވެބްސައިޓަކާއި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހެއް އެއްވެސް އެންގުމަކާ ނުލައި ބްލޮކްކުރުމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ވަޒީރު ކަމަށް އައްޔަން ކުރައްވާފައިވާ 22 ބޭފުޅުންނަށް ރުހުން ހޯދުމަށް ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. އެމައްސަލަ މިހާރު އޮތީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން