ސަރުކާރުން ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ގޯތި ތަކުގައި އިމާރަތް ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކާއި މަޝްވަރާ ކުރަމުންދާ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ޙަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް ވިދާޅުވީ ސަރުކާރުން ބޯހިޔާވަހިކަމަށް މިހާރު ދޫކޮށްފައިވާ ގޯތިތަކުގައި ފަސޭހައިން އިމާރަތް ކުރެވޭނެ ގޮތް ހެދުމަށް ރައްޔިތުންނަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށެވެ.

އެގޮތުން އެކަމުގައި މަޝްވަރާ ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ ވެސް ބައްދަލުވުމެއް ބޭއްވި ކަމަށް ހަމްދާން ވިދާޅުވިއެވެ. އަދި ގެދޮރު އިމާރަތް ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނަށް ކުރެވެން ހުރި މަސައްކަތްތައް ބަލައި އެކަމަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް ހަމްދާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ވެސް މިދަނީ ބައެއް ކަހަލަ ޕްރޮޑަކްޓްތައް ޑިވްލޮޕު ކުރަމުން، އެކަމަށް (ގެދޮރު އިމާރަތްކުރުމަށް މާލީ އެހީ ފޯރުކޮށްދިނުމަށް) ހައްލެއް ހޯދުމަށް މިދަނީ ވަރަށް ބައިވަރު މަސައްކަތްތަށް ކުރަމުން، މިސާލަކަށް އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމާއި ވެސް ބައްދަލުވުންތަކެއް ބާއްވައިފިން ސީދާ މިކަމަށް ހައްލެއް ހޯދުމާއި ގުޅޭގޮތުން، އެހެންވީމާ އެފްޑީސީން މިދަނީ އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން. އެއްގޮތަކުން ނޫން މަލްޓިޕަލް ފަންޑުން ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭން." ހަމްދާން ވިދާޅުވިއެވެ.

ހަމްދާން މިހެން ވިދާޅުވެފައިވާއިރު ބޯހިޔާވަހިކަމަށް ކުޑަ އިންޓްރެސްޓެއްގައި ހައުސިން ލޯނު ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ފުށިދިއްގަރުފަޅު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ވަޢުދާއި އެއްގޮތަށް ހައުސިންގ ލޯނުތައް ދޫކުރުމަށްޓަކައި ބޭންކިންގ ނިޒާމުގެ ތެރެއިން ފަހިކުރަންޖެހޭ ކަންކަން ހަމަޖައްސައި، އެކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ. އެގޮތުން އެ ލޯނުތަަކަކީ ފަސް ޕަސެންޓަށްވުރެ އިންޓަރެސްޓް ކުޑަކޮށް، ދޫކުރާ ލޯނުތަކެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ލޯނުތައް ދޫކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ ފަންނީ މަސައްކަތް މިހާރު ހިނގަމުންއެދަނީ، އެކަންކަންވެސް ފުރިހަމަކޮށްފައި، އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް، އެ ރައްޔިތުން ބޭނުންވާ އެކިކަހަލަ ލޯނުތައް ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ލޯނު ސްކީމާއެކު މާލެ ސަރަޙައްދުން ދޫކުރި ގޯތިތަކުގައި ގެދޮރު ބިނާކުރުމަށްޓަކައި ސަރުކާރުން ވަޢުދުވި ޚާއްޞަ ލޯނު ސްކީމް ތަޢާރުފު ކުރެވިގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޙަގީގަތް

16-Jan-2024

ކޮބާ ފުލެޓް ތަކުގެ ލިސްޓް .ހައްގު ވެރިން އިންތިޒާރުގާ މިތިބީ ކޮބާ އޭސީސީ ކިހާ ވަރަކަށް އަމާނާތްތެރި ވާނެބާ



ޓްރެންޑިން