މާލެއަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނިމާލު މާލެ އަތޮޅު ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެެއްގައެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމު ވެސް ކުރިން އަދާކުރެެއްވި މުޙައްމަދު ނިމާލް މާލެ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާގެ ދިރިއުޅުއްވުމުގެ ހާލަތު ހުރިގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ގޮންޖެހުންތަކެއް ހުރުމުން މިއަދުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

ނިމާލު ވިދާޅުވީ މަގާމުގައި ވޭތުކުރެއްވި ދުވަސްތަކުގައި މާލެ އަތޮޅު ރައްޔިތުންނަކީ ތަރައްގީއަށް ބޭނުންވާ ގިނަގުނަ ކާމިޔާބީތަކެއް އެކި ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ "ބަސްއަހާ" ރައްޔިތުންތަކެއް ދިރިއުޅެމުންދާ އަތޮޅެއް ކަމަށް އޭނާއަށް ތަޖުރިބާ ކުރެއްވުނު ކަމަށެވެ.

"ދިވެހީންގެ ރާއްޖޭގެ ތަސައްވަރުގެ ތަރައްޤީ ދިވެހި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގެ ދަށުގައި މުޅި މާލެ އަތޮޅަށް އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތެވެ." ސަރުކާރު ހިންގާ މައި ޕާޓީގެ ޕީއެންސީގެ ނާއިބް ރައީސް ކަމުގެ މަގާމުގައި ވެސް ހުންނެވި ނިމާލު ވިދާޅުވިއެވެ.

މީގެ އިތުރުން ނިމާލު ވަނީ އޭނާ މާލެ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ވޭތުކުރެއްވި ދުވަސްތަކުގައި އޭނާ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކާއި މާލެ އަތޮޅު ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުންނާއި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

މާލެ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން ނިމާލު އިސްތިއުފާ ދެއްވާފައިމިވަނީ މިސަރުކާރު ވެރިކަމަށް އައުމަށްފަހު އޭނާ ޕީއެންސީ އާއި ސަރުކާރުގެ ހަރާކަތްތަކުން ނުފެންނާތީ އެކަމާއި މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާ ދަނޑިވަަޅެއްގައެވެ. ނިމާލު އިސްތިއުފާ ދެއްވީ ސަރުކާރުގެ ތެރެއިން މަގާމަށް ވަޑައިގަތުމަށް ލިބުނު ފުރުސަތެއްގެ ތެރެއިން ކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން