ކޮވިޑްގެ އައު ވޭރިއަންޓް ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކުރިއަށް އޮތް ދަރިވަރުންގެ ޗުއްޓީގައި، ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުން މުހިންމުކަން ފާހަގަކޮށްފައެވެ.



މި ހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި ވަރަށް ގިނަ ގައުމުތަކުން ކޮވިޑްގެ އާ ވޭރިއެންޓެއް ކަމަށްވާ އެންޖޭ 1 ފެނި ކޮވިޑް-19 ފެތުުރުން އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. މިހާރުވެސް 40 އަށްވުރެ ގިނަ ގައުމުން މި ވޭރިއަންޓްގެ ވޭދަނަތައް ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާއިބެހޭ މައި ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިންވެސް ހާމަކޮަށްފައި ވެއެވެ.

އެޗްޕީއޭއިން ވަނީ ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ތިރީގައިވާ ފިޔަަވަޅުތައް އެޅުމަށް އިރުޝާދުދީފައެވެ.

- އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުން.

- އާއްމު ސާފުތާހިރުކަމަށް ސަމާލުވުން އަދި ހާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަން ދިނުން

- ރޯގާ ޖެހި، ކެއްސާނަމަ އަނގަޔާ ނޭފަތް ފޮރުވޭ ގޮތަށް މާސްކް އެޅުން

- ރޯގާ ޖެހި، ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން

- ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލި މީހާއާއެކު ވީހާ ވެސް މަދު މީހުން ދިއުން. އަދި ބަލި މީހުންނަށް ޒިޔާރަތްކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުމަށާއި ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން

- އުމުރުން ގިނަ ދުވަސްވީ މީހުންނާއި ގިނަ ބަލިތަކަށް ބޭސްކުރާ ހައިރިސްކް ކެޓަގަރީގެ މީހުން ކޮވިޑް-19 ގެ ވެކްސިން އަދި އިންފްލުއެންޒާ ވެކްސިން ޖެހުން

- ރޯގާޖެހި ހުންއައިސް ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން

މީގެއިތުރުން ހުމާއި ރޯގާ ޖެހިއްޖެނަމަ އަރާމުކޮށް ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި ލުނބޯ ފަނި/ސައި، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދުދީފައި ވެއެވެ.

އެޗްޕީއޭއިން ބުނީ މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވާން މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާގޮތަށް ތަކެއްޗާއި ތަންތަން ނުބެހެއްޓުމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމު ކަމަށެވެ. އަދި ޗުއްޓީ ހޭދަކުރާއިރު، ކާބޯތަކެތީގެ ތަފާތު ބާވަތްތައް ބޭނުންކުރުމާއި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ސަމާލުވުމަށް ވެސް އެދިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން