އަހުމަދު މަސްނޫމް   25 ޑިސެމްބަރު 2023 - 3:7
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭންކަމަށް ބުނެ މި ސަރުކާރުން ހިންގާ ރަސްމާލެ މަޝްރޫއަކީ ބޮޑު ކޮރަޕްޝަނެއްކަމަށް ބުނެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ‏ކޮންމެ ރައީސަކުވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް މަސައްކަތް ކޮށްދެއްވިކަމަށާއި ރައީސް މައުމޫނު ފެއްޓެވި މަސައްކަތް އިތުރަށް ރައިސް ނަޝީދު ކުރިއަށް ގެންދެވިކަމަށެވެ. އަދި ރައީސް ޔާމީން ވަނީ އެކަމުގައި ލާމަސީލު މިސާލުތައް ދައްކަވާފައި ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

"ރައީސް ޔާމީނު ވެގެންދިޔައީ މުޅިން އެހެން ހަރުފަތަކަށް ބޯހިޔާވަހިކަން ގެންދެވި ރައީސަކަށް. ހުޅުމާލެ ފޭސް2 ހިއްކައި އެތަކެއް ޓަވަރެއް އަޅާ ނިންމެވިއިރު ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް އެކަންކުރެއްވި." ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ރާއްޖޭގެ އެންމެ އަގުބޮޑު ބިމަކީ މާލެ އަދި ހުޅުމާލޭގެ ބިންކަމަށެވެ. އަދި ރައީސް ސާލިހުވެސް ވަނީ ބޯހިޔާވަހިކަމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފަައި ކަމަށާއި ރައީސް މުއިއްޒުވެސް ވަނީ ބޯހިޔާވަހިކަމަށް އިސްކަމެއް ދީފައިކަމަށެވެ.

"މިހުރިހާ ރައީސުންނަށް ޙައްގު ޝުކުރު." ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ރައީސް މުއިއްޒު ހުޅުމާލެވެސް ހިމެނޭ ގޮތަށް މާލޭ ސަރަހައްދުން 70 ހެކްޓަރ ބިން ބަޔަކަށް ދިނުމަށްފަހު މާދުރުގައި އޮތް ފަޅެއް ހިއްކުމުން އެއީ ހަރަދެއް ނުހިނގާ ހިނގި ކަމަކަށް ނުވާނެކަމަށެވެ.

"ދެވަނައަށް، އެއީ މާލޭގެ އަގު ބޮޑު ބިންދިނުމަށްފަހު ކުރަން ހެޔޮވާވަރުގެ ކަމެއްތޯ؟ ގިރާވަރާއި ގުޅީފަޅު މިއީ ބްރިޖުން ގުޅާލެވޭނެ، ތަރައްގީ ކަށަވަރު ކުރެވޭނެ ތަންތަން." ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ މިކަންކަން މިހެންހުރިއިރު ފުށިދިއްގަރު ފަޅުން މޮޅު ޖާދޫއެއް އުފަންވެ، ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލެއް ނުވާނެކަމަށާއި މިއީ ދެބަސްވެވެން ނެތް ބޮޑު ކޮރަޕްޝަނެއްކަމަށެވެ. އަދި މިއީ ހުޅުމާލެ ބިން ބަޔަކަށް ދިނުމަށް ރޭވި ރޭވުމެއްކަމަށާއި މިއީ ގޮތް ނޭގޭ އެތަކެއް ކަމެއް ހިމެނޭކަމެއްކަމަށް ޖަމީލު ވިދާޅުވިއެވެ. ޖަމީލު ވިދާޅުވީ މިއީ ދެކޮޅުނުޖެހޭ މަޝްރޫއެއްކަމަށާއި، މާލެ ސަރަހައްދާއި އެތަން ގުޅާލެވޭނެ ގޮތެއްވެސް ނެތްކަމަށެވެ.

ޖަމީލު މިހެން ވިދާޅުވި ނަމަވެސް މިސަރުކާރުން ބުނެފައިވަނީ ދައުލަތުން އެއްވެސް ހޭދައެއް ނުކޮށް ހިންގާ ފައިދާހުރި މުހިންމު މަޝްރޫޢެއް ކަމަށެވެ. ރަސްމާލެ ގުޅާލާނީ ސްޕީޑް ފެރީން ކަމަށްވެސް ސަރުކާރުުން ބުނެފައި ވެއެވެ.

އާބަންކޯއިން ބުނީ މީގެކުރިން ވެސް ބިން ދޭގޮތަށް މިފަދަ މަޝްރޫޢުތައް އެކުންފުނިން ހިންގާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން