ދިވެހިން އެކަނި މަސައްކަތް ކުރާނެ ދާއިރާތަކެއް ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އިން މިރޭ ބޭއްވި ކޮންސްޓްރަކްޝަން އެވޯޑު ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިން އެކަނި މަސައްކަތް ކުރާނެ ދާއިރާތަކެއް ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުން ނިއްމާފައިވާ ކަމަށެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު ވަރަށް ގިނަ ދާއިރާތަކެއް ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަން ކުރުމަށް ރާވާފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ފަހުން އިމާރާތްކުރުމުގެ ދާއިރާގައި ހިމެނޭ ބިލްޑިން އިންސްޕެކްޓަރުންގެ ދާއިރާ އާއި ސައިޓް ސުޕަވައިޒަރުންގެ ދާއިރާ އަދި ސާވެޔަރުންގެ ދާއިރާގައި މަސައްކަތް ކުރާނީ ހަމައެކަނި ދިވެހިން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އިމާރާތްކުރުމުގެ ދާއިރާއަކީ ދެވަނައަށް އެންމެ ބޮޑު އިންޑަސްޓްރީކަން ފާހަގަކުރަށްވަމުން ރައީސް މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސިވިލް އިންޖިނިޔަރުންނާއި އާކިޓެކްޓުން ފަދަ ދާއިރާތައް ވެސް ދިވެހިން އެކަނި މަސައްކަތް ކުރާނެ ދާއިރާތަކަށް ވެގެންދާނެ ކަމަށެވެ. އޭގެ ބޭނުމަކީ ދިވެހިވަންތަކަން ހުރިހާ ކަމެއްގެ ތެރެއަށް ގެނައުމާއި ދިވެހިންގެ އަތްމައްޗަށް ހުރިހާ ކަމެއް ގެނައުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ދިވެހިން މަސައްކަތް ކުރާނެ ވަކި ދާއިރާތަކެއް ކަނޑައެޅުމުން ދިވެހިންނަށް މިހާރަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަން ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން