ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަކަށް އިންވެސްޓު ކުރަން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ޕްރޮޕޯޒަލްގެ ގޮތުގައި ސޯލާ އެނާޖީގެ ބިޔަ މަޝްރޫއެއް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އިން މިރޭ ބޭއްވި ކޮންސްޓްރަކްޝަން އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަކަށް އިންވެސްޓް ކުރަން ހުޅުވާލި ފުރުސަތުގައި ސަރުކާރަށް ފުރަތަމަ ޕްރޮޕޯސަލް ލިބިފައިވާ ކަމަށެވެ. އެގޮތުން އެސްއީޒެޑްތަކަށް އިންވެސްޓު ކުރަން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ޕްރޮޕޯޒަލްގެ ގޮތުގައި ސޯލާ އެނާޖީގެ ބިޔަ ޕޮރެޖެކްޓެއް ލިބިފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ޕްރޮޕޯސަލަކީ އިއާދަކުރަނިވި ހަކަތައިން 110 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ މަޝްރޫއެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސޯލާ ހަކަތައިގެ ބިޔަ ޕްރޮޖެކްޓަކީ ކޮޕް 28 ސަމިޓަށްފަހު ގައުމަކުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ފަށާ ފުރަތަމަ މަސައްކަތަށް ވާނެ ކަމަށެވެ. އެ މަޝްރޫއުގެ އިތުރު ތަފްސީލެއް ރައީސް މިރޭ ދެއްވާފައެއް ނުވެއެވެ.

އެސްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ މިންވަރު 150 މިލިއަން ޑޮލަރުން 100 މިލިއަން ޑޮލަރަށް ސަރުކާރުން ވަނީ ކުޑަކޮށްފަ އެވެ.

އެސްއީޒެޑްގައި ހިންގޭނެ މަޝްރޫއުތަކެއް ވެސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އޭގެތެރޭގައި އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތްތަކުގެ މަސައްކަތްތަކާއި ޓްރާންސްޝިޕްމެންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން އަދި ޑޮކިން ސާވިސަސް އާއި ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީތައް ހިންގުމާއި ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، (އައިސީޓީ ޕާކް) އައިސީޓީއާ ގުޅޭ ފެސލިޓީތައް ގާއިމުކުރުމާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް ހެދުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާއްމުކުރުމަށް ހިންގޭ މަޝްރޫއުތައް ހިންގުމާއި ފުޑް ސެކިއުރިޓީ އަދި ތެޔޮ ހޯދުން ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން