ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ޤައުމުގެ މިސްރާބު ބައްޓަންކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް ގޮވާލެއްވީ މޮންޓަނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދީފައިވެއެވެ.

އެގޮތުން ޑިމޮކްރެޓިކް މޮންޓެނޭގްރޯއަކީ އުމުރުން ހަގު ޕާޓީއެއް ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި އެޕާޓީން ގިނަ ކުރިއެރުންތަކެއް ހާސިލުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

“ޑމޮކްރަސީ ކުރިއަރުވައި ޑިމޮކްރަސީގެ ރޫޙް އާލާކުރުމަށް ޕާޓީގެ ލީޑަރޝިޕުން ކުރަމުންގެންދާ މަސައްކަތްތަކަށް ތަޢުރީފު ކުރަށްވައި ޑިމޮކްރަސީއަކީ މުޖުތަމަޢެއްގެ ދުޅަހެޔޮކަން ކަށަވަރުކޮށްދޭ މައިބަދައިގެ ގޮތުގައި ނައިބުރައީސް ސިފަކުރެއްވިއެވެ. އަދި ޑިމޮކްރަސީއާ ނުލައި މުޖުތަމަޢުގައި އިންސާފާއި ހަމަހަމަކަމާއި އުފާ ފާގަތިކަން ނޯންނާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.” ނައިބުރައީސްގެ ވާހަކަ ފުޅުގައި ވިދާޅުވިކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ރާއްޖެއަކީ ވަރަށް ހަގު ޑިމޮކްރަސީއެއްކަމާއި ގިނަ ޕާޓީތަކުގެ މައްޗަށް އެކުލެވޭ އިންތިޚާބެއް ރާއްޖޭގައި ފުރަތަމަ ބާއްވާފައި ވަނީ ވެސް 2008 ވަނަ އަހަރުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކޮށް ޤައުމު ކުރިޔަށް ގޮސްދިނުމަށް ރައްޔިތުން އެމަނިކުފާނާ މަތިކުރައްވާފައިވާ ޒިންމާއާއި އެކުގައިކަމަށާއި އަދި ސަރުކާރު އޮތީ ރެޔާދުވާލު ހުއްޓުމެއްނެތި، ރައްޔިތުންނަށް ވެފައިވާ އެ ވަޢުދުތައް ފުއްދައިދެއްވުމުގެ މަސައްކަތްކުރުމަށް ތައްޔާރަށްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރަސްމީ ދަތުރުފުޅެއްގައި މޮންޓެނޭގްރޯއަށް ވަޑައިގެންނެވީ އެޤައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ ސެކިއުރިޓީ، އިންޓަރނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އެލެކްސާ ބެޗިޗްގެ ދަޢުވަތަކަށެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާރޖް މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން