ރާއްޖޭގައި ތިބި ބިދޭސީންވެސް ހަ މަސްތެރޭ މެޑިކަލް ހަދަންޖެހޭ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖެއަށް ދިގު މުއްދަތަކަށް އެތެރެވާ ބިދޭސީން، މެޑިކަލް ޗެކަޕް ހެދުން އަނެއްކާވެސް ލާޒިމުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ކެބިނެޓްގެ މި ނިންމުމަކީ ރާއްޖޭން ނައްތާލާފައިވާ ބަލިތައް ބިދޭސީންގެ ފަރާތުން ފެންނާތީ ނިންމި ނިންމުމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން ބިދޭސީން މެޑިކަލް ޗެކަޕް ހަދަންޖެހޭނީ ހެލްތު މިނިސްޓްރީން ކަނޑައަޅާ ތަނަކުން ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ، މިހާރު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ވޭތުވެދިޔަ އެއް އަހަރު ތެރޭގައި މެޑިކަލް ޗެކްއަޕެއް ހަދާފައި ނުވާ މީހުން، ހަ މަސް ދުވަހުގެ ތެރޭގައި ޗެކްއަޕް ހަދައި ނިންމަންޖެހޭނެ ކަމަށެވެ.

"ރާއްޖެ އަންނަ ކޮންމެ ބިދޭސީއަކު 15 ދުވަހުގެ ތެރޭގަ މެޑިކަލް ހަދާ އެ އޮންނަ އުސޫލުގެ މަތިން ހެލްތް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޑިޕެންޓެންޓް ވީޒާ އާއި ވޯކް ވީޒާ އާއި ރެޒިޓެންޑް ވީޒާ އާއި ސްޓޫޑެންޓް ވީޒާ އާއި ކޯޕަރޭޓް ވީޒާ އާއި މެރިޖް ވީޒާގައި ރާއްޖެ އަންނަ ހުރިހާ ބިދޭސީން ރާއްޖެ އަންނައިރު އޮން އެރައިވަލް ޗެކަޕް އަދި އަހަރަކު އެއް ފަހަރު މެޑިކަލް ޗެކަޕް ހެދުން މިހާރު ލާޒިމުކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ބިދޭސީން މެޑިކަލް ރިޕޯޓު ހުށަހަޅައި އަދި އެ މުއްދަތުގެ ފަހުން ވީޒާ އާ ކުރާއިރު މެޑިކަލް ރިޕޯޓު ހުށަހަޅަންޖެހޭނެ ކަމަށެވެ. އެހެންނޫންނަމަ ވީޒާ އާކޮށް ނުދެވޭނެ ކަމަށް އިޙްސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން