ފައިލޭރިއާ ބައްޔަށް ބޭނުންވާ ބޭހުގެ ސްޓޮކް ހަމަކުރެވިއްޖެ ކަމަށް ސަރުކާރުން ބުނެފިއެވެ.

މި ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ދެ ބޭހެއް ރާއްޖެއިން ލިބެން ނެތް ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ހެލްތް މިނިސްޓްރީން އެކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށެވެ.

"އެކަމުގައި ޑަބްލިއުއެޗްއޯއާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ބޭހުގެ ކަންކަން ރަނގަޅަށް ތަރުތީބުވެފައިވާކަމުގެ ކަށަވަރުކަން އިއްޔެ ހެލްތު މިނިސްޓްރީން ދެއްވި،" ނާޒިމް ވިދާޅުވިއެވެ.

ރާއްޖެއިން މީގެ ކުރީގައި ނައްތާލާފައިވާ ފައިލޭރިއާ ބަލި މިފަހުން ފެނިފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހެލްތް ސްކްރީނިންގއެއް ހެދުމުގެ ތެރެއިންނެވެ. އެގޮތުން، އޮކްޓޫބަރ 14 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި ދިިރިއުޅޭ 16 މީހަކު މި ބައްޔަށް ވަނީ ފައްސިވެފައެވެ. އޭގެ ފަހުން، އެ ސިޓީން 25 ބިދޭސީއަކު އަދި މާލޭ ސަރަހައްދުން ހަތް ބިދޭސީއަކު ވަނީ އެ ބައްޔަށް ފައްސިވެފައެވެ. މިވަގުތު ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ފައިލޭރިޔާއަށް ފައްސިވެފައިވަނީ 32 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން