މަސްދޯނިތަކުގައި ހަރަކާތްތެރިވުމަށް ޚާއްސަކޮށް ރެސްކިއު ޑައިވަރުން ތަމްރީންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ޑރ. މުޢިއްޒު މި ނިންމުން ނިންމެވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށައެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މިނިންމުނަކީ މަސް ދޯނިފަހަރުގައި ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީން ލިބިފައިވާ މަދުވެގެން އެއްފަޅުވެރިޔަކު ބެހެއްޓުމަށްޓަކައި ރައީސް ނިންމެވި ނިންމެވުމެއް ކަމަށެވެ.

"މިއީ ކުރިއަށްއޮތް 5 އަހަރަށް ބަހާލައިގެން ހިންގޭ ޕްރޮގްރާމެއް. ދައުލަތުން މިއަށް ޚަރަދު ކުރެވި ސަރުކާރު ގަބޫލުކުރާ ޓްރެއިނިން ދޭ ސެންޓަރުތަކުން މިޕްރޮގްރާމް ކުރިއަށްގެންދިއުމަށް ކެބިނެޓުން ނިންމަވާފައި ވަނީ." ނާޡިމް ވިދާޅުވިއެވެ.

ވައިފުޅި އަޅައިގެން ފީނާއިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަނޑުމަތީގައި އެތައް ހާދިސާތައް ހިނގާފައިވާތީ ސަރުކާރުން އެފަދަ ޕްރޮގްރާމެއް ކުރިއަށްގެންދަން ރާވާފައިވާ ކަމަށް ނާޡިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން