ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި 'ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް' ބޯޑު ތަޢާރުފުކުރުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ޔޫތް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

އެގޮތުން 'ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް' ބޯޑުގައި ތިއްބަވާނީ 15 މެންބަރުން ކަމަށާއި އެ މެންބަރުންގެ އުމުރަކަށް ވާންވާނީ 18 އަހަރާއި 30 އަހަރުކަމުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި 2 ފަހަރު ބޯޑު އެކުލަވާލުމަށް ވަނީ ނިންމަވާފައެވެ.

ނަމަވެސް މަތީ ޡާނަވީ ސްކޫލެއްގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުން އަދި ޔުނިވަރސިޓީގެ ސްޓޫޑަންޓް ކައުންސިލުގެ ފަރާތުން ބޯޑަށް ޢައްޔަނުކުރާ މެންބަރުންނަކީ ސްޓޫޑަންޓް ކައުންސިލް/އެގްރެކެޓިވް ކޮމިޓީގައި އަދާކުރާ މަޤާމުގެ ގޮތުން ޢައްޔަނުކުރެވޭ މެންބަރުންކަމަށްވުމުން، މި މެންބަރުން ކޮންމެ އަހަރަކު އެއްފަހަރު ބަދަލުވެގެންދާގޮތަށް ރައީސް ވަނީ ނިންމަވާފައެވެ.

މި ބޯޑަކީ ރައީސްއަށް ލަފާ އެރުއްވުމަށް އެކުލަވާލާ ބޯޑަކަށްވުމުން، ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީން ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން