ސްކޫލު ބަންދު ދުވަސްވަރު ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަނުގައި، މާލޭގެ މަގުތަކުގައި އާންމުކޮށް ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވާނެއެވެ. އަދި މާލޭގެ މަގުތަކުގައި ހާއްސަކޮށް އެންމެ މީހުން ގިނަވާ ވަގުތުތަކުގައާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކާއި މާލޭގެ މަގުތައް އެންމެ އަމާންވާ ވަގުތުތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ބެލެހެއްޓުމުގެ އިތުރުން މާލޭގެ އެކި ހިސާބުތަކުގައި ވީސީޕީ ޖަހައިގެން މިހާރަށް ވުރެ ބޮޑަށް މަގުތައް މޮނީޓަރ ކުރަމުން ގެންދާނެ ކަމަށް ފުލުހުން މަޢުލޫމާތުދީފައި ވެއެވެ. އަދި ކަނޑު އުޅަނދުފަހަރު ބަލައި ފާސްކުރުމާއި ގަވާއިދާ ހިލާފަށް މުދަލާއި މީހުން އަރުވައިގެން އުޅަނދު ނުދުއްވުމަށް ނަސޭހަތްތެރިވެ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ދޭނެ ކަމަށް ފުލުހުން ބުނެފަވެއެވެ.

އެއާއެކު، ޓްރެފިކް ގަވާއިދުތަކާއި ޚިލާފު ކަމަށް ބެލެވޭ މީހުން ހުއްޓުވައި ޗެކުކުރުމާއި އެއްގަމު އުޅަނދުތަކުގެ ހާލަތު ބެލުމާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ދުއްވާ އުޅަނދުތައް ދެނެގަނެ އެކަން ވަކި ތަރުތީބެއްގެ ތެރެއިން ކުރިއަށް ގެންދެވޭގޮތަށް މަސައްކަތްތައް ބައްޓަން ކުރެވެމުން ދާނެ ކަމަށް ވެސް ފުލުހުން ބުނެފަވެއެވެ. އަދި އަތޮޅު ތެރެއިން މާލެ އަންނަ މީހުންނާއި މާލެއިން ފުރާ މީހުން ފުރަންދާ ވަގުތުތަކުގައި މަގުތައް ބާރުބޮޑުވާނެކަމަށް ބެލެވޭތީ މީހުންނަށް ދަތިނުވާނެ ގޮތަށް ސަމާލުކަންދޭންޖެހޭ ކަންތައްތައް އޮޅުންފިލުވައިދެމުން ދާނެ ކަމަށްވެސް ފުލުހުން ހާމަކޮށްފައި ވެއެވެ.

އަވަށްޓެރި ފުލުހުން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމާއެކު ކުށުގެ ވެށިން ރައްކާތެރިވުމަށް ކުރެވޭނެ ކަންތައްތަކާއި ހާއްސަ ގޮތެއްގައި ޗުއްޓީއަށް ފުރައިގެން ދާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތައް އޮޅުންފިލުވައިދެމުން ގެންދާނެއެވެ. އެގޮތުން، ފުރައިގެން ދާއިރު ގެ ރަނގަޅަށް ތަޅުލެވިފައިތޯ ޔަގީން ކުރުމުށާއި ދިގު މުއްދަތަކަށް ފުރައިގެންދާނަމަ އިތުބާރުކުރެވޭ މީހަކާ ގޭގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކުރުމަށާއި ގޭތެރެ އެއްކޮށް އަނދިރިކޮށްފައި ނުބެހެއްޓުމަށާއި އަގުބޮޑެތި މުދަލާއި ފައިސާ ދޫކޮށްފައި ދާއިރު ވިސްނަންޖެހޭ ކަންތައްތަކުގެ އިރުޝާދު ދެމުންގެންދާނެއެވެ. އަދި ޗުއްޓީ ދުވަސްވަރު އާއިލާތަކުން އުފާވެރި ވަގުތު ހޭދަކުރުމަށް ހިތްފަސޭހަ އެކި ދިމާތަކަށް ދަތުރު ދިއުންފަދަ ކަންކަން ކުރާއިރު އަގުބޮޑެތި މުދާ ގެންދާނަމަ އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތްތައް އިންތިޒާމު ކުރުމަށްވެސް މައުލޫމާތު ދެވޭނެއެވެ.

ހަމައެހެންމެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވުމަށާއި ބޭރު ފައިސާ ގަނެވިއްކުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދޭނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އިންޓަނެޓް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަމުންދާ ކުށްތައް އިތުރުވަމުން ދާތީ އެކަންކަމުން ރައްޔިތުން ރައްކާތެރިކުރުމަށް ވެސް މައުލޫމާތު ދިނުމަށް ހަމަޖެހިފަވެއެވެ.

ފުލުހުން ބުނީ އައު އަހަރު ފާހަގަކުރުމުގައި ޖީނާއީ ކުށްތައް އިތުރުވިޔަ ނުދިނުމަށާއި އެފަދަ ކުށްތައް ހިންގާ ފަރާތްތަކަށް ފުރުސަތު ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވެސް ހަމަޖެހިފަވާ ކަމަށެވެ.

މި މަހު 22 ވަނަ ދުވަހުން ފެށިގެން ސްކޫލު ހުޅުވުމާ ހަމައަށް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު ފުލުހުންގެ މަސައްކަތަށް ހުރަސްއެޅޭނެ ފަދަ ކަންކަން ނުކުރުމަށާއި ފުލުހުންނަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ގޮތަށް ރައްޔިތުންގެ އަމަލުތައް ބެހެއްޓުމަށް އެ މުއައްސަސާއިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން