ވިޔަފާރިއާއި އިޤުތިޞާދީ އެކި ދާއިރާތަކުން މޮންޓަނޭގްރޯއާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް މޮންޓަނޭގްރޯއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ފަސްޓް މިނިސްޓަރ އެލެކްސާ ބެޗިކްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ފަތުރުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމު ގުޅިގެން ބައިނަލްއަގްވާމީ މައިދާނުގައި މަސައްކަތްކުރުމުން ލިބެން އޮތް ކުރިއެރުންވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތުތަކުގެ ތެރެއިން އިސްކަންދެއްވާ ކަންކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވިއެވެ.

މޮންޓަނޭގްރޯގެ ފަސްޓް މިނިސްޓަރ އެލެކްސާ ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާކަން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. އަދި ޑިމޮކްރަސީގެ ރޮނގުން އެ ގައުމުން ހޯދަމުންދާ ކުރިއެރުންތަކާއި އީޔޫގެ މެމްބަރުކަން ހޯދަން އެ ގައުމުން ކުރާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ނައިބު ރައީސާއި ހިއްސާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރަސްމީ ދަތުރުފުޅެއްގައި މޮންޓެނޭގްރޯއަށް ވަޑައިގެންނެވީ އެޤައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ ސެކިއުރިޓީ، އިންޓަރނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އެލެކްސާ ބެޗިޗްގެ ދަޢުވަތަކަށެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާރޖް މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން