މޯލްޑިވްސް ކަރެކްޝަންސް ސަރވިސްއިން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ދީފައިވާ ލުއިތައް މުރާޖަޢާ ކުރަމުންދާ ކަމަށް ހާމަކޮށްފިއެވެ.

"ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގައިދީންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ޖަލުތަކާއި ޕެރޯލްއާއި ބެހޭ ޤާނޫނުން ހުއްދަ ނުކުރާ ކަމަށެވެ. އެހެންކަމުން، އިއްޔެ ރޭ ރައީސް ޔާމީން އުފައްދަވަން އުޅުއްވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އިން ބޭއްވި ޖަލްސާގައި ބައިވެރިވެވަައިގަތުމާއި ގުޅިގެން ޔާމީނަށް ދީފައިވާ ލުއިތައް އަލުން މުރާޖަޢާ ކުރަން ނިންމާފައިވާ ކަމަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރޭގައި ޕީއެންއެފުން ބޭއްވި ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަތް ނަމަވެސް، ޖަލްސާގައި ޕޯޑިއަމްއަށް އަރައި ވަޑައިގެން ވާހަކަފުޅުދައްކަވާފައެއް ނުވެއެވެ. އެކަމަކު، ޔާމީން ވަނީ ޕީއެންއެފަށް އަލަށް ސޮއިކުރި މެންބަރުންގެ ފޯމްތަކާއި ހަވާލުވެވަޑައިގެންފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ރިޔާސީ އިންތިޚާބުގެ ދެވަނު ބުރުގެ ނަތީޖާއަށްފަހު 1 އޮކްޓޫބަރުގައި އެމަނިކުފާނު ގޭ ބަންދަށް ވަނީ ބަދަލުކޮށްފައެވެ. އެއަށްފަހު، އެމަނިކުފާނަށް ވަނީ އިތުރު ލުއިތަކެއް ވެސް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކަސްރަތު ކުރުމާއި ސިއްހީ ބޭސްފަރުވާތަކަށް ބޭރަށް ވަޑައިގަތުމުގެ ހުއްދައާއި އެމަނިކުފާނާއި ބައްދަލުކުރަން ބޭނުންވާ މީހުންނަށް ގެއަށް ވަޑައިގެން ބައްދަލުކުރުމުގެ ހުއްދައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން