ހައްޖާއި އުމްރާއަށް ދިޔުމުގެ އަގުތައް ފަހުން އިތުރަށް ކުޑަވެދާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިފަދައިން ވިދާޅުވީ ރާއްޖެއަށް ލިބޭ 1000 ޙައްޖު ކޯޓާ، ޙައްޖު ކޯޕަރޭޝަނާއި، ހަވާލުކުރުމަށް ނިންމާ، އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިއެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ.

ޝަހީމް ވިދާޅިުވީ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ ހައްޖަށް މީހުން ގެންދާ އަމިއްލަ ކުންފުނިތަކަށް ގެއްލުން ދިނުމުގެ ބޭނުމުގައި ނޫން ކަމަށެވެ. ސަރުކާރުން ހައްޖު ކޯޕަޜޭޝަންގެ ދަށަށް ހުރިހާ ކޯޓާތައް ގެނައީ ޢާންމު ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކުރުމުގެ ބޭނުމުގައި ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް އިތުރު ކޯޓާ ލިބިއްޖެނަމަ އަމިއްލަ ކުންފުނިތަކަށް ކޯޓާ ދޫކުރުމުގެ ވިސްނުން އެބަހުރި ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"މިގޮތަށް މިނިންމީ ގިނަ ވިސްނުންތަކަކަށްފަހު، މީގެކުރިން ބައެއް ޖަމާއަތްތަކުން ފައިސާ ނަގައިގެން، ޙައްޖަށް މީހުންނަށް ނުދެވި އެބަހުރި، އަދި ބޮޑު އަގުގައި ޙައްޖު ކޯޓާ ގަނެފައި ވިއްކާފައި އެބަހުރި، އެކަންތައްތަކަށް ވިސްނާފައި މިގޮތަށް މިނިންމީ،" ވަޒީރު ޝަހީމު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް ޙައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލު ވިދާޅުވީ، ޙައްޖު ކޯޕަރޭޝަނުން މީހުން ޙައްޖަށް ގެންދިޔުމަށް ނަގާ ފައިސާގެ އަދަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން މިހާރުވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.

"ދައްކަން ޖެހޭ ފައިސާ ކުޑަކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވެމުންދަނީ، އެކި ދާއިރާތަކުން އިންވެސްޓުކޮށް، ޙައްޖު ކޯޕަރޭޝަނަށް ލިބޭ އާމްދަނީ އިތުރުކޮށްގެން ނަމަވެސް، ޙައްޖަށްގެންދަން ނަގާ ފައިސާ ކުޑަކުރެވޭނެ ގޮތްތައް ހޯދަމުން މިދަނީ،" ޝަކީލު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން