އަހުމަދު މަސްނޫމް   26 ޑިސެމްބަރު 2023 - 20:50
ހުޅުމާލޭން ބޯހިޔާވަހިކަން ދޭނެކަމަށް ބުނެ ގިނަ ބަޔަކު ޙާލުގައި ޖެއްސި ސީލައިފް ގްލޯބަލްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ (އަންމަޓީ) ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދޭން ކުރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

ހިޔާނާތުގެ ކުށުގައި ދައުލަތުން 42 ދައުވާއެއް އުފުލާފައިވާ، އައްމަޓީގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިފައިވާ ގޮތަށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާން ބޭނުންވާތީ އޭނާ ފުރުން މަނާކުރުމަށް ކޯޓުން ކޮށްފައިވާ އަމުރު މިވަގުތަށް ބާތިލުކޮށް، އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނިންމީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކުރުމުގެ އިތުރުން، އިސްތިއުނާފް މައްސަލަ ނިމެންދެން އައްމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށްވެސް އެދުނެވެ. ހައިކޯޓުން ވަނީ ޕީޖީން އެދުނު ގޮތަށް އަމުރެއްވެސް ނެރެފައެވެ.

ނަމަވެސް ޕީޖީން އިސްތިއުނާފްކުރި މައްސަލައިގައި ހައިކޯޓުން މިއަދު އިއްވެވި ހުކުމްގައި ވަނީ އައްމަޓީ ފުރަން ހުއްްދަ ދިނުމުގައި އޭނާ ފަރުވާ ހޯދަންޖެހޭ ސިއްހީ މައްސަލައަށާއި އެކަމުގައި ވަށައިގެން ހުރި ކަންކަމާއި އަދި އައްމަޓީގެ ފަރާތުން ކޯޓަށް ކުރިން ދީފައިވާ އެއްބާރުލުމަށް ރިއާޔަތް ކޮށްފައިވާ ކަމަށެވެ.

3 ފަނޑިޔާރުން ބެއްލެވި މައްސަލައިގައި ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރެއްވި ހުކުމުގައި ބުނީ ކްރިމިނަލް ކޯޓުގެ ނިންމުމަކީ ފަނޑިޔާރުގެ އިހްތިޔާރީ ބާރުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށް ވާއިރު، އެފަދަ ކަންކަމުގެ ތެރެއަށް އިސްތިއުނާފް ކޯޓަށް ވަދެވޭނީ އިސްތިސްނާ ހާލަތްތަކުގައެވެ. ނަމަވެސް މި މައްސަލާގައި އެފަދަ އިސްތިސްނާ ހާލަތެއް އޮތްކަން ދައުލަތަށް ބުނެ ނުދެވޭ ކަމަށް ހުކުމުގައިވެއެވެ.

ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން މަޒީދުގެ ރައުޔުގައި ބުނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކުރަން ޖެހޭ ކަމަށެވެ. އަދި އައްމަޓީގެ ކިބައިގައި ހުރި ސިއްހީ މައްސަލައަކީ ރާއްޖެއިން ފަރުވާ ލިބެން އޮތް ކަމެއްތޯ އާއި އެއީ އަވަސް ފަރުވާ ލިބެންޖެހޭ ކަމެއްތޯ ދަށު ކޯޓުން ބަލާފައިނުވާ ކަމަށް ހުކުމްގައިވެއެވެ.

13 މާރިޗު 2014 ވަނަ ދުވަހު، ހައުސިންގ ޑިވެލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް ތުޙުމަތުކުރެވުނު މައްސަލައިގައި، ވ. ތިނަދޫ، ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން