ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއެމްގެ އެކްސްކޯގެ މެމްބަރުންތަކެއް އިސްތިއުފާދިނުމާއި ގުޅިގެން އެކްސްކޯގެ ގާނޫނީ އަދަދު ގެއްލި، އެފްއޭއެމްގެ ރައީސް ބައްސާމް އާދީލް ޖަލީލްގެ މަގާމުވެސް ގެއްލިއްޖެއެވެ.

އެފްއޭއެމްގެ އެންމެ މުހިއްމު ގުނަންކަމަށްވާ އެފްއޭއެމްގެ އެކްސްކޯގައި ޖުމްލަ 9 މެމްބަރުން ތިއްބަވާއިރު، 5 ބޭފުޅަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއާއެކު އެކްސްކޯގެ ގާނޫނީ އަދަދު ވަނީ ގެއްލިފައެވެ. އަދި އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ބައްސާމްގެ މަގާމުވެސް ވަނީ ގެއްލިފައެވެ.

އެފްއޭއެމްގެ އެކްސްކޯއިން މީގެކުރިން 2 މެމްބަރަކު އިސްތިއުފާ ދެއްވާފައިވާއިރު، އިތުރު 3 ބޭފުޅަކު މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއީ މުހައްމަދު ޝިފާއު އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މުއައްސިސް އަހްމަދު ނަޝީދު (ޑޭވް) އަދި އެކްސްކޯގެ އަންހެން މެންބަރު އާމިނަތު ޝާނީޒުއެވެ.

މީގެ ދެމަހެއްހާ ދުވަސްކުރިން އެކްސްކޯގެ ނައިބު ރައީސް ކަމުގައި ހުންނެވި، މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި އެކްސްކޯ މެންބަރު އަދި ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު ވަނީ އިސްތިއުފާ ދީފައެވެ.

މީގެކުރިން 2016 ވަނަ އަހަރު އެފްއޭއެމްގެ ރައީސްކަމުގެ މަގާމު އަހްމަދު ތޯރިގް (ޓޮމް) އަށް ގެއްލުނީވެސް އެކްސްކޯގެ ފަސް މެންބަރަކު އެއްފަހަރާ އިސްތިއުފާ ދެއްވުމުންނެވެ.

އެފްއޭއެމްގެ އެކްސްކޯއިން މެމްބަރުންތަކެއް އިސްތިއުފާދީފައި މިވަނީ އެފްއޭއެމް ހިންގުން ބޮއްސުންލައިގެން ގޮސް، ރައީސް ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފާސްކުރަން އުޅޭ ދަނޑިވަޅެއްގައެވެ.

ބައްސާމްގެ މަގާމު މިހާރު ގެއްލިފައިވާއިރު، ބެލެވޭ ގޮތުގައި އެ މަގާމަށް އަންނަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަދި ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަހުމަދު ތާރިގް، ޓޮމްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން