ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު
ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު
އިސްތިއުމާރީ ބާރަކުން އަޅުވެތި ކޮށްފައި އޮންނަ ގައުމަކުން ފެންނަ ފަދަ މަންޒަރު ރާއްޖެއިން ފެންނަ ކަމަށް ސަރުކާރުން ބުނެ ހަނު ތިބުމަކީ ގައުމަށް ވެވޭ އިހުމާލެއް ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާދަމާ މިނިވަން ދުވަސް ފާހަގަކުރާއިރު މިއަދު ކުރެވެނީ އަޅުވެތިކަމުގެ އިހުސާސް ކަމަށެވެ. އިސްތިއުމާރީ ބާރަކުން ގައުމު ހިސޯރު ކުރުމުން ފެންނާނެ ކަންކަން މި ގައުމުން ފެންނަ ކަމަށް ސަރުކާރުން ގަބޫލުކޮށްގެން ހަނު ތިބުމަކީ ގައުމަށް ވެވޭ އިހުމާލެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އެއީ ގައުމަށް ޣައްދާރުވުން ކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

"މިނިވަން ކަމުގެ ދިފާއުގައި އެންމެން ތެދުވަމާތޯ؟" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރާއްޖޭގައި ބިދޭސީންގެ މައްސަލަ އިންްތިހާއަށް ބޮޑުވެ، މިހާރު ފެނިގެން ދަނީ އިސްތިއުމާރީ ބޮޑު ބާރަކުން ހިފާފައި އޮތް ގައުމަކުން ވެސް ފެންނާނެ ފަދަ މަންޒަރުތައް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީގައި ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވަމުންނެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަމާލު ވިދާޅުވީ މި ޒަމާނަކީ އެއްގައުމުން އަނެއް ގައުމަށް ހަތިޔާރު ހިފައިގެން އަރާ ހިފާ ޒަމާން ނޫން ކަމަށެވެ. އެހެން ނަމަވެސް ކައިރީގައި އޮތް ގައުމުގައި ހުޅުވިފައި އޮތް ބޯޑަރެއް އޮތީމައި އެތައް ބަޔަކު މިއޮތީ "މިގައުމަށް އަރާފައި" ކަމަށް ޝަމާލު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލަކަށް ވެފައިވާއިރު، ކުރިއަށް އޮތް ހައެއްކަ އަހަރަށް ވާވަރަށް މިހާރު ވެސް ބިދޭސީން ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން