ސަރުކާރުގެ ވަޒީފާތަކުގައި ގިނައިން ތިބީ އެމްޑީޕީ މެންބަރު ކަމުގައި ކުރީގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިގޮތަށް ވިދާޅުވީ މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރެއްވި ޑރ. މަރިޔަމް ޒުލްފާ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯގެ މަޤާމަށް ޢައްޔަންކުރެއްވުމާއި ގުޅިގެންނެވެ. މީސް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި މަލީހް ވިދާޅުވީ މި ސަރުކާރު ހޮވަން ބުރަކޮށް މަސައްކަތްކުރި ޕީޕީއެމް، ޕީއެންސީ މީހުންގެ ބަދަލުގައި ގިނައިން މަގާމުތަކަށް ލާފައި ތިބީ އެމްޑީޕީއަށް "މަރުދިން" މީހުން ކަމަށެވެ. އަދިވެސް ސަރުކާރުގެ ވަޒީފާތަކުގައި އެމްޑީޕީ މީހުން ގިނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.



ރައީސް ޔާމީނާއެކު ޕީޕީއެމް ދޫކުރައްވައި ނުކުމެ ވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފައްދަވަން އިސްކޮށް މަސައްކަތް ކުރައްވާ މަލީހް މިގޮތަށް ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޞާލިޙަށް ތާއީދުކުރެއްވި ބައެއް ބޭފުޅުން މިހާރު ދަނީ ޕީޕީއެމް- ޕީއެންސީއަށް ބަދަލުވަމުންނެވެ. އެގޮތުން، ރައީސް ނަޝީދުގެ ސަރުކާރުގައި ކުޑަދުވަސްކޮޅަކު ޓުއަރިޒަމް މިނިސްޓަރގެ މަގަމާމު އަދާކުރެއްވި ޒުލްފާވެސް ވަނީ ވެރިކަންކުރާ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ. މިނޫންވެސް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވެސް ސަރުކާރު ހިންގާ ޕީއެންސީއާއި ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން