ރާއްޖޭގެ ފުޓްބޯޅައާއި ބެހޭ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ފޯމް ހުށަހަޅުއްވައިފިއެވެ.

މީގެ ކުރީގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުއްވި ޓޮމް އެފްއޭއެމްގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލެއްވީ ރާއްޖޭގެ ފުޓްބޯޅައިގެ ދާއިރާ އަނދަވަޅަކަށް ވެއްޓި، އެފްއޭއެމް ބަނގުރޫޓުވުމާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. ތޯރިގު މިއަދު ފޯމް ހުށަހަޅާފައިވަނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް އަދި ވެލެންސިއާއިން އޭނާގެ ނަން ނޮމިނޭޓް ކުރުމުންނެވެ. އެފްއޭއެމްގެ ގަވާއިދުގައިވާ ގޮތުން ކެންޑިޑޭޓަކަށް އިންތިޚާބުގައި ބައިވެރިވެވޭނީ ރާއްޖޭގެ ފަސްޓް ޑިވިޝަންގައި ހިމެނޭ ތިން ކްލަބެއް އެފަރާތެއް އެންޑޯޒްކޮށްގެންނެވެ.



މިއީ ޓޮމް މި މަޤާމަށް ކުރިމަތިލެއްވި 3 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ އެ މަޤާމަށް ކުރިމަތިލެއްވީ 2016 ވަނަ އަހަރުގެ ޖޫން މަހު ބޭއްވި އިންތިޚާބުގައެވެ. އެފަހަރުގެ އިންތިޚާބުގައި އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވީ އޭނާ އެކަންޏެވެ. އެކަމަކު، ޓޮމްއަށް އެމަޤާމުގައި ހުރެވުނީ އެންމެ ހަތަރު މަސް ދުވަހުގެ މުއްދަތަކަށެވެ. އެފަަހަރު ޓޮމް ވަނީ އެކްސްކޯއަށް ނާންގާ އޭރުގެ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަދި މިހާރުގެ ރައީސް ކަމުގައިވާ ބައްސާމް އާދިލް ޖަލީލް މަޤާމުން ވަކިކުރައްވާފައެވެ. އެކަމުގެ ސަބަބުން އެކްސްކޯގެ ފަސް މެންބަރުން ވަނީ އެއްފަހަރާ އިސްތިއުފާ ދެއްވާފައެވެ. ހަމަ އެއަހަރުގެ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުގައި ޓޮމް އަލުން ވާދަކުރެއްވި ނަމަވެސް، އޭނާ ބަލިކުރަށްވައި، އެފްއޭއެމްގެ ރައީސްގެ މަޤާމަށް ހޮވިވަޑައިގެންނެވީ ބައްސާމެވެ.

އެފްއޭއެމްގެ ރައީސް ބައްސާމްގެ ދައުރު ހަމަވާން ބާކީ ހަ މަސް ދުވަހަށްވެފައި އޮއްވާ މި އިންތިޚާބު އަވަސް ކުރަން އެފްއޭއެމުން ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މިއަދު މެންދުރުފަހު 02:00 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން