ލ. ގަމުގައި އަޅަމުންދާ ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް އެނިންމުން ބަދަލު ކުރުމަށް ލ ގަމު ދާއިރާގެ މަޖިލީސް މެމްބަރ މުހައްމަދު ވިސާމް ގޮވާލައްވައިފިއެވެ.

ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އަޅަން ނިންމާފައިވަނީ ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައެވެ. ކެންސަރ ހޮސްޕިޓަލުގެ މަސައްކަތް ފެށިގެން ދާނެކަމަށް 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އޭރުގެ ރައީސް ސޯލިޙުގެ ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. އެކި އިންތިހާބު ތަކާ ދިމާކޮށް އެމްޑީޕީން ލ އަތޮޅު ރައްޔިތުންނަށް ވިއްކި މިވަޢުދު، ވެރިކަން ނިމުނުއިރުވެސް އެއްވެސް ވަރަކަށް ފުއްދައި ދެވިފައެއް ނުވެއެވެ. ހަމައެކަނި ކުރެވުނު ކަމަކީ ގަމު ރީޖަނަލް ހޮސްޕިޓަލް ފުރަގަހުން ބޮޑު ބިމެއް ސާފުކޮށް އެތަނުގައި ހުރި އެތައް ސަތޭކަ ގަސްރުކެއް ކަނޑާ ތިރިކުރުން ކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ.

ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިހާރު މިވަނީ ލ. ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރުމަށް ނިންމާފައެވެ.

މިކަމާއި ގުޅިގެން މެމްބަރު ވިސާމް ނެރުއްވާފައިވާ ބަޔާނުގައި ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އަޅަން ނިންމައި، ކުރަން ޖެހޭ ދިރާސާތައްވެސް ނިންމާފައިވަނިކޮށް، މިސަރުކާރުން ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލު ކުރަން ނިންމި ނިންމުން ވަނީ ކުށްވެރިކޮށްފައެވެ. އަދި މި ސަރުކާރުން މިނިންމުން ނިންމާފައިވަނީ ޓާޝަރީ ފަރުވާ ނުލިބޭ ސަރަހައްދެއްގައި ކެންސަރ ހޮސްޕިޓަލެއް އަޅަން ޖެހުމުން ކަމަށް ބުނާއިރު، ޓާޝަރީ ހޮސްޕިޓާލެއް ގަމުގައި އެޅުމަށް ނިމިދިޔަ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާކަން ވިސާމް ވަނީ ފާހަގަކުރައްވާފައެވެ.

މިހެންކަމުން ޓާޝަރީ ފަރުވާ ނުލިބޭ ކަމަށްބުނެ ކެންސަރ ހޮސްޕިޓަލް ގާއިމު ކުރާ ސަރަހައްދު ބަދަލު ކުރުމުން ސަރުކާރުން ދައްކާ ވާހަކަ ހަމަ ނުޖެހޭ ކަމަށްވެސް ވިސާމުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.



ވިސާމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ރައީސްކަމަށް ވަޑައިގެންނެވީ ކުރީ ސަރުކާރުގެ އެއްވެސް މަޝްރޫއެއް ނުހުއްޓުވައި، ރޭވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ވައުދާއެކު ނަމަވެސް، މިހާރު އޭރު ދެއްކެވި ވާހަކަފުޅާއި ބަހާއި އަމަލާ ދިމާ ނުުވާކަމަށެވެ. އަދި ލާމު އަތޮޅުގެ ކައުންސިލުގެ އެއްވެސް މަޝްވަރާއެއްނެތި ރަށަށް ލިބޭނެ ކުރިއެރުމާއި ގުޅުންހުރި ޕްރޮޖެކްޓެއް މާލެއަށް ބަދަލު ކުރަން ނިންމި ނިންމުން ކުށްވެރި ކުރާކަމަށްވެސް ވިސާމްގެ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން